އެމްއެންޔޫގެ ކިޔެވުން، ދަރިވަރުން ކުލާހަށް ހާޒިރު ކޮށްގެން ފަށަނީ
![](https://dhen.mv/wp-content/uploads/2021/01/CE8D72B1-B083-4D1C-8C3C-FBED470160CC-850x548.jpeg)
ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން މާލޭގައި ހިންގާ ކޯސްތަކުގެ ކިޔެވުން ދަރިވަރުން ކުލާސްތަކަށް ހާޒިރު ކޮށްގެން ކުރިޔަށް ގެންދަން ނިންމާފައިވާ ކަމަށް އެ ޔުނިވާސިޓީއިން ހާމަ ކޮށްފިއެވެ.
އެމްއެންޔޫގެ ވައިސް ޗާންސެލާ މުހައްމަދު ޝަރީފުއާ ހަވާލާދީ އޮންލައިން ނޫސް "ސަން"ގައި ބުނެފައި ވަނީ މިވަގުތު އެމްއެންޔޫގެ ހުރިހާ ކެމްޕަހެއްގެ ހުރިހާ ކޯހެއް ވެސް މި އަހަރު ކުރިޔަށް ގެންދަން ރާވާފައި އޮތީ "ފޭސް ޓު ފޭސް" ކޮށް ނުވަތަ ދަރިވަރުން ކުލާހަށް ހާޒިރު ކޮށްގެން ކަމަށެވެ.
މީގެ އިތުރުން އެ ނޫހުގައި މުހައްމަދު ޝަރީފްއާ ހަވާލާދީ އިތުރަށް ބުނެފައި ވަނީ އެމްއެންޔޫގައި ފެކަލްޓީ ފެންވަރުގައި ދަރިވަރުން ހާޒިރު ކޮށްގެން ޕްރެކްޓިކަލް އިމްތިހާނުތައް މީގެ ކުރިން ވެސް ކުރިއަށް ގެންގޮސްފައިވާނެ ކަމަށެވެ.
އެމްއެންޔޫގެ ޖުމްލަ ހަތަރު ކެމްޕަހެއް އަތޮޅު ތެރޭގައި ވެސް ހުރެއެވެ. އެއީ ހދ. ކުޅުދުއްފުށީ ކެމްޕަސް، ލ. ގަން ކެމްޕަސް، ސ. ހިތަދޫ ކެމްޕަސް އަދި ގދ. ތިނަދޫގައި ހުންނަ ކެމްޕަހެވެ. މި ކެމްޕަސްތަކުގައި ވެސް މާލެއާއި އެއްގޮތަށް ކިޔެވުން ކުރިޔަށް ގެންދާނީ އާދައިގެ މަތިން ދަރިވަރުން ކުލާހަށް ހާޒިރު ކޮށްގެން ކަމަށް ޝަރީފްއާ ހަވާލާދީ “ސަން”ގައި ވެއެވެ.