ޚަބަރު

މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ބައި ލައްކައަށް

ރައުފާ ރަޝީދު ، ދެން އޮންލައިން

މިއަހަރުގެ ފުރަތަމަ 17 ދުވަހުގެތެރޭގައި ބައިލައްކައަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ.

މިމަހުގެ 1ވަނަ ދުވަހުން ފެށިގެން 17 ވަނަ ދުވަހާ ހަމައަށް 50611 ފަތުރުވެރިން ރާއްޖެއަށް އައިސްފައި ވާކަމަށް ޓޫރިޒަމް މިނިސްޓްރީން ޢާއްމު ކޮށްފައިވާ ތަފާސްހިސާބުތައް ދައްކައެވެ.

ވަކިވަކި ޤައުމުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޢަދަދުތަކަށް ބަލާލާއިރު، މިމުއްދަތުގައި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިޔާއިންނެވެ. ބޯޑަރު ހުޅުވާލި ފަހުން ރަޝިއާއިން ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު އިތުރުވެ ރާއްޖޭގެ ޓޮޕް އިންބައުންޑް މާކެޓަކަށް ރަޝިއާ  ވެފައިވާ ކަން ވެސް މީގެ ކުރިން ޓޫރިޒަމް މިނިސްޓްރީން ވަނީ އާންމު ކޮށްފައެވެ.

އެޤައުމުން މިއަހަރުތެރޭ ރާއްޖެއަށް އައި ފަތުރުވެރިންގެ ޢަދަދު މިހާރުވަނީ 12000 އަށްވުރެ މައްޗަށް އަރާފައެވެ. ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 16ވަނަ ދުވަހާ ހަމައަށް ރަޝިއާއިން ރާއްޖެއަށް 12029 ފަތުރުވެރިން އައިސްފައި ވެއެވެ.

ފާއިތުވީ 3 ދުވަހުގެތެރޭގައި ރާއްޖެއަށް ކޮންމެ ދުވަހަކުވަނީ 3000އަށްވުރެ ގިނަ ފަތުރުވެރިން އައިސްފައެވެ. ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމަށް ފަހު އަލުން ހުޅުވާފައިވަނީ ޖުލައި 15 ގައެވެ. އެއާއި އެކު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރު ކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!