6 ގައުމަކަށް މާދަމާ ވެކްސިން ލިބޭނެ: މޯދީ

އިންޑިއާއިން ހަ ގައުމަކަށް މާދަމާ ވެކްސިން ފޯރުކޮށްދޭނެ ކަމަށް އެގައުމުގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެއެވެ.
މޯދީ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގިނަ ގައުމުތަކަކަށް އިތުބާރާއެކު ކޮވިޑް ވެކްސިން ފޯރުކޮށްދިނުމުގެ ފުރުސަތު ލިބިގެން ދިއުމަކީ އެގައުމަށް ލިބޭ ފަހުރެއް ކަމަށެވެ. އަދި މާދަމާ 6 ގައުމަކަށް ވެކްސިން ފޯރުކޮށްދޭނެ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ގައުމުތަކަށް ވެސް ފޮނުވާނެ ކަމަށް މޯދީ ވިދާޅުވިއެވެ.
މާދަމާ އިންޑިއާއިން ކޮވިޑް ވެކްސިން ފޮނުވާ ގައުމުތަކުގެ ތެރޭގައި ބޫޓާން، ބަންގްލަދޭޝް، ނޭޕާލް، މިޔަންމާ، ސީޝެލްސް އަދި ރާއްޖެ ހިމެނެއެވެ.
އިންޑިއާއިން މި ގައުމުތަކަށް ހަދިޔާ ކުރުމަށް ނިންމާފައި ވަނީ އޮކްސްފޯޑާއި އަސްޓްރާޒެނީކާ ކުންފުނި ގުޅިގެން ތަރައްގީކޮށް، ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން އުފައްދަމުން އަންނަ ކޮވިޝީލްޑް ވެކްސިނެވެ.