ޚަބަރު

ނޮވެންބަރު 3 ފަދައިން މި ބަލިމަޑުކަމުގައި ވެސް ރާއްޖެއަށް އެންމެ ފުރަތަމަ އެހީވީ އިންޑިއާއިން: ރައީސްނަޝީދު

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އިންޑިއާއިން ރާއްޖެއަށް މިއަދު އެއް ލައްކަ ޑޯޒްގެ ވެކްސިން ގެންނަ ކަމަށާއި މިއީ ރާއްޖެއަށް މި ބަލިމަޑުކަން ނިންމުމުގެ ފެށުން ކަމުގައި މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by MWSC

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދު އިންޑިއާގެ މަތިންދާބޯޓެއް ވެކްސިނާއެކު ރާއްޖެ އަންނާނެ ކަމަށެވެ. އެގޮތުން އޭގައި އެސްޓްރަޒީނާގެ 1 ލައްްކަ ޑޯޒް ވެކްސިން ގެންނާނެ ކަން ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މިއީ ކޮވިޑް-19 ހުއްޓުވުމުގައި ރާއްޖެއިން ކުރާ މަސައްކަތުގެ ފެށުން ކަމަށެވެ.

އަދި އަބަދުވެސް އިންޑިއާއިން ރާއްޖެއަށް ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވައި، އިންޑިއާއަކީ ރާއްޖެއަށް އިތުބާރު ކުރެވޭ ރަހުމަތްތެރިއެއްގެ ގޮތުގައި ނަޝީދު ވަނީ ފާހަގަ ކުރައްވާފައެވެ.

2006 ސުނާމީއާއި 1988 ގެ ބަޣާވާތާއި، މާލޭގެ ފެނުގެ ކާރިސާ ވިޔަސް އަދި ކޮރޯނާގައި ވެސް ރާއްޖެއަށް އެންމެ ފުރަތަމަ އެހީވެދިން ގައުމަކީ އިންޑިއާ ކަމުގައި ވެސް ނަޝީދު ވިދާޅުވިއެވެ.

މިއީ ރާއްޖެއަށް އިންޑިއާގެ ވެކްސިން ގެންނަކަން ސަރުކާރުގެ އިސް ބޭފުޅަކު ހާމަކުރެއްވި ފުރަތަމަ ފަހަރެވެ.

އިންޑިއާގެ "ވިއޮން" ނޫހުން ރިޕޯޓް ކޮށްފައިވާ ގޮތުގައި، ސީރަމް އިންސްޓްޓިއުޓް އޮފް އިންޑިއާއިން އުފައްދާފައިވާ އޮކްސްފޯރޑް - އެސްޓްރެޒެނެކާގެ ކޮވިޑް ޝީލްޑް ވެކްސިން ރާއްޖެ ގެނައުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ވެކްސިން ރާއްޖެއަށް ލިބޭނީ މިއަދުނރާއްޖޭ ގަޑިން 1400 ގައި ކަމަށް ވެސް އެނޫހުން ބުނެފައި ވެއެވެ.

ވެކްސިން އާ ގުޅުން ހުރި އެޕްރޫވަލްތައް މިހާރު ދިވެހި ސަރުކާރުން ދީފައިވާ ކަމަށް އެނޫހުން ރިޕޯޓްކުރެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!