"ރާއްޖެއަށް ކޮންމެ ޤައުމަކުން ވައިރަސް އައި ނަމަވެސް، ވެކްސިން ދިނީ އިންޑިއާއިން"

ރާއްޖެއަށް ކޮވިޑް-19 ވައިރަސް ކޮންމެ ޤައުމަކުން އައި ނަމަވެސް، އެބައްޔަށް ރާއްޖެއަށް ވެކްސިން ފޯރުކޮށްދިނީ އިންޑިއާ އިން ކަމަށް އެގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ސަންޖޭ ސުދީރު މިއަދު ވިދާޅުވެއްޖެ އެވެ.
އިންޑިއާ އިން ހަދިޔާ ކުރި އެއް ލައްކަ ޑޯޒް ވެކްސިން ރާއްޖެ ގެނައުން ފާހަގަ ކުރުމަށް މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސަފީރު ވިދާޅުވީ މިއަދު އެއާ އިންޑިއާ ފްލައިޓުގައި ރާއްޖެއަށް ފޯރުކޮށްދިނީ "އުންމީދެއް" ކަމަށެވެ.
އިންޑިއާއިން ފޯރުކޮށްދިން ވެކްސިނާއެކު، އެންމެ ގޯސް ހާލަތުން އަރައިގަނެ، އާންމު ހާލަތަށް ދިއުމަށް މިއަދު ދަތުރު ފެށިގެން ގޮސްފައިވާ ކަމަށް ވެސް ސަންޖޭ ވިދާޅުވެފައިވެއެވެ.
މީގެއިތުރުން އިންޑިއާ ސަފީރު ވިދާޅުވީ އިންޑިއާ އަކީ މުޅި ދުނިޔޭގެ ވެސް ބޭސްފިހާރަ ކަމަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވިއްކާ ވެކްސިންގެ 60 ޕަސެންޓު އުފައްދަނީ އިންޑިއާއިން ކަމަށެވެ. އަދި އިންޑިއާގެ ސެރަމް އިންސްޓިޓިއުޓަކީ ވެކްސިން އުފައްދާ ދުނިޔޭގެ އެންމެ ބޮޑު އިންސްޓިޓިއުޓް ކަމަށާއި، 170 ގައުމެއްގެ 65 ޕަސެންޓު ކުޑަކުދިންނަށް އެ އިންސްޓިޓިއުޓުން އުފައްދާ ވެކްސިނެއް ފޯރުކޮށްދޭ ކަމަށް ވެސް ސަފީރު ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް ޔަގީންކަން އެބަ އޮތް މިއަދު މި ގެނައި އެއް ލައްކަ ޑޯޒް އާއެކު، ފްރަންޓްލައިންގައި މަސައްކަތް ކުރާ ފަރާތްތަކާއި، އުމުރުން ދުވަސްވީ ބޭފުޅުންނާއި އަދި އެހެނިހެން ބަލިތައް ހުންނަ ފަރާތްތަކަށް މިހާރުން މިހާރަށް ބޭނުންވާ ވަރު ވާނެ ކަމަށް،" ސަންޖޭ ސުދީރު ވިދާޅުވި އެވެ.