ބޮލީވުޑް

ކަންގަނާ ޓްވިޓަރއިން ބޭން ކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބޮލީވުޑްގެ ތަރިންގެ ތެރެއިން ކަންގްނާ ރަނާވަތު އަބަދުވެސް ފާހަގަ ވެފައިވަނީ ބުނަން ބޭނުންވާ ކޮންމެ އެއްޗެއް ކޮންމެ މީހަކާ ދިމާލަށް ވެސް ބުނެލާ ތަރިއެއްގެ ގޮތުގައެވެ. އެމީހަކީ އޭނާއެކު މަސައްކަތްކުރާ އެކްޓަރެއް، ނަން މަޝްހޫރު ފިލްމު ޕްރޮޑިއުސަރެއް، ލަވަކިޔުންތެރިއެއް، ވިޔަފާރިވެރިއެއް އަދި ނުފޫޒުގަދަ މީހެއް ކަމުގައި ވިޔަސް ކަންގްނާ އަށް ވަރިހަމައެވެ. އޭނާ ބުނަން ބޭނުންވާ އެއްޗެއް ބުނެ ނިންމާލައެވެ.

Ads by Sosun Fihaara

ކަންގްނާ މީހުންނާ ދިމާލަށް ބުނަން ބޭނުންވާ އެއްޗެއް ބުނަނީ، އޭނާ ބުނާ ގޮތުންނަމަ މަޝްހޫރުކަން ހޯދާކަށް، ނުވަތަ އެމީހުންގެ ފިލްމުތަކުން ޖާގަ ހޯދާކަށް ނޫނެވެ. އެއީ އޭނާ ފިލްމީދާއިރާގައި ފައިހަމަ ނުކުރެވިގެން ކުރާކަމެއް ނޫން ކަމުގައި ވެސް ބުންޏެވެ. ނަމަވެސް، އޭނާ އެފަދައިން ބަސް ބުނަނީ، ކަންކަމުގެ ހަގީގަތް ހާމަ ކުރަން ކަމުގައި ބުނެފައިވެއެވެ.

ނަމަވެސް މިފަދައިން ޚިޔާލު ފާޅު ކުރުމުގެ ސަބަބުން، ބައެއް ފަހަރު ކަންގްނާއަށް އެތައް ކަމަކާ ކުރިމަތިލާން ވެސް ޖެހެއެވެ. ކަންގްނާ އަކީ އެންމެންގެ އެންމެ މަގުބޫލު މީހާ ނޫން ކަމުގައި ވެސް ވެފައިވެއެވެ. އެގޮތުން މަޝްހޫރު ފިލްމު އެކްޓަރ ރިތިކް ރޯޝަން އޭނާ ގޮވައިގެން މިހާރު ކޯޓަށް ދާން ތައްޔާރުވެފައިވާއިރު، ޓްވިޓާގައި ޚިޔާލު ފާޅު ކުރި ގޮތަކުން، އޭނާ ވަނީ ބޭން ކޮށްލާފައެވެ.

އެނގިފައިވާ ގޮތުގައި ކަންގްނާ ބޭން ކޮށްލާފައިވަނީ ޓްވިޓާ އުފެއްދި ޖެކްއާ ދިމާލަށް ބުނަން ނުވާފަދަ އެއްޗެހި ބުނެގެންނެވެ. އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެ އެކައުންޓުތައް ސަސްޕެންޑު ކުރުމުން ކަންގްނާ ވަނީ ޖެކް އަކީ މިނިވަން ޚިޔާލު ފާޅު ކުރުމުގެ ފުރުސަތު ދޭ މީހެއް ނޫން ކަމަށާއި މުސްލިމު ޤައުމުތަކާއި ޗައިނާއިން ވަނީ ޖެކް ގަނެލާފައި ކަމަށެވެ.

ކަންގްނާގެ މިޓްވީޓުން އޭނާއަކީ މުސްލިމުން ދެކެ ރުޅިއަންނަ މީހެއްކަން ދޭހަވެއެވެ.

އެންމެންނާ ވެސް މައްސަލަ ޖެހިފައި ހުންނަ ކަންގްނާގެ ވާހަކަތަކާމެދު ހިތްހަމަ ނުޖެހިގެން، އޭނާ މީސްމީޑިއާއިން ދުރަށް ޖެއްސުމަށް އެތައް ބަޔަކު ވަނީ "ސަސްޕެންޑް ކަންގްނާ" ހޭޝްޓެގެއް ވެސް ބޭނުންކޮށް، އެކަމާ އަޑުއުފުލާފައެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!