ފުލުހުންނަށް ހުށަހެޅި ޖިންސީ ގޯނާގެ މައްސަލަތަކާއި ގެވެށި އަނިޔާގެ މައްސަލަތައް އިތުރުވެއްޖެ

މިދިޔަ އަހަރު ފުލުހުންނަށް ހުށަހެޅި ޖިންސީ ގޯނާގެ މައްސަލަތަކާއި ގެވެށި އަނިޔާގެ މައްސަލަތައް 2019 ވަނަ އަހަރު ހުށަހަޅާފައިވާ އަދަދަށްވުރެ އިތުރުވެފައިވާކަން ހާމަވެއްޖެއެވެ.
އެގޮތުން ފުލުހުންގެ ތަފާސް ހިސާބަށް ބަލާއިރު، 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް ޖުމްލަ 16،482 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވެއެވެ.
ނަމަވެސް ނިމިދިޔަ 2020 ވަނަ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް ހުށަހަޅާފައި ވަނީ 12،787 މައްސަލަ ކަމަށް ފުލުހުން ބުނެފައިވާއިރު މިދިޔަ އަހަރު ފުލުހުންނަށް ހުށަހެޅި މައްސަލަތަކުގެ ތެެރެއިން މާލެ ސަަރަހައްދުން ހުށަހަޅާފައި ވަނީ 8060 މައްސަލަ ކަމަށް ވެސް ބުނެފައިވެއެވެ. އަދި މިދިޔަ އަހަރު އަތޮޅުތަކުން 4727 މައްސަލަ ހުށަހަޅާފައިވެ އެވެ.
ފުލުހުންނަށް މިދިޔަ އަހަރު ހުށަހެޅި މައްސަލަތަކަށް ބަލާލާއިރު، ވައްކަމާއި މަސްތުވާތަކެއްޗާއި ފޭރުމާއި މާރާމާރީގެ މައްސަލަތަކުގެ އިތުރުން މުދަލަށް ގެއްލުން ދިނުމުގެ މައްސަލަތަކާއި ޓްރެފިކްގެ މައްސަލަތައް ވަނީ މަދު ވެފައެވެ.
2019 ވަނަ އަހަރު ބަދުއަހުލާގީ މައްސަލަތަކުގެ 411 މައްސަލައެއް ފުލުހުންނަށް ހުށަހެޅި އިރު، މިދިޔަ އަހަރު އެބާވަތުގެ 490 މައްސަލައެއް ހުށަހެޅި އެވެ. އަދި ޖިންސީ ފުރައްސާރައިގެ 38 މައްސަލައެއް 2019 ވަނަ އަހަރު ހުށަހެޅި އިރު މިދިޔަ އަހަރު 72 މައްސަލައެއް ހުށަހެޅި އެވެ.
ގެވެށި އަނިޔާގެ މައްސަލަތަކަށް ބަލާއިރު 2019 ވަނަ އަހަރު ހުށަހެޅީ، 219 މައްސަލައެކެވެ. ނަމަވެސް މިދިޔަ އަހަރު ގެވެށި އަނިޔާގެ 245 މައްސަލައެއް ވަނީ ހުށަހަޅައިފައެވެ.