ޚަބަރު

ހައި ކޯޓުގެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރާނަން: އިދިކޮޅު

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމަށް ހައި ކޯޓުން ތާއިދު ކޮށްފައިވާތީ އެ ހުކުމް އިސްތިއުނާފް ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށް އިދިކޮޅު ކޯލިޝަނުން ހާމަ ކޮށްފިއެވެ.

Ads by MWSC

ހައިކޯޓުން ކުރި ހުކުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ކްރިމިނަލް ކޯޓުން ވެސް ނެރުނީ އިންސާފުވެރި ހުކުމެއް ނޫން ކަމަށާއި އަދި ހައި ކޯޓުން އެކަމަށް ތާއިދު ކުރުމަކީ ވެސް އިންސާފު ނޫން ކަމަށެވެ.

އަދި އެ މައްސަލަ ވަރަށް އަވަހަށް ސުޕްރީމު ކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި ހަ މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަަރުގެ ޖޫރިމަނާއެއް މީރާއަށް ދެއްކުމަށް ހުކުމް ކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުގައެވެ. ފަސް ފަނޑިޔާރުންގެ ބެންޗަކުން އެ ހުކުމް އިއްވީ ދައުލަތުން ޔާމީންގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ މައްސަލައިގައެވެ.

މި މައްސަލައަކީ ރައީސް ޔާމީންގެ އެކައުންޓަށް އެސްއޯއެފް ކުންފުނިން ޖަމާވި އެއް މިލިއަން ޑޮލަރު، އޭސީސީގެ އެކްސްކުރޯ އެކައުންޓަށް ޖަމާކުރުމުގެ ބަދަލުގައި އެ ސޭވިން އެކައުންޓަކަށް ޖަމާކޮށް އޭގެ މަންފާ ހޯދި ކަމަށް ބުނާ މައްސަލައެވެ. ދައުލަތުން ބުނާ ގޮތުގައި އެސްއޯއެފްއިން ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރަކީ ގދ. ވޮޑަމުލާ ކުއްޔަށް ދޫކޮށްގެން އެމްއެމްޕީއާރްސީއަށް ލިބުނު ފައިސާ އެވެ.

އެ މައްސަލަ ރައީސް ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރީ 75 އިސްތިއުފާ ނުކުތާއެއް ފާހަގަކޮށްފަ އެވެ.

ކްރިމިނަލް ކޯޓުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި ހުކުމަށް، ހައި ކޯޓުން ތާއީދު ކޮށްފައިވާއިރު މި މައްސަލަ ބެއްލެވީ ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެެއީ ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ޝަހީދު، ފަނޑިޔާރު އަލްއުސްތާޛު ހުސެއިން މަޒީދު، ފަނޑިޔާރު މުޙައްމަދު ނިޔާޒް އެވެ.

ތިން ފަނޑިޔާރުންގެ ތެރެއިން ޝައްކެއް ނެތް މިންވަރަށް އަބްދުﷲ ޔާމީންގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމެވީ ފަނޑިޔާރު އަލްއުސްތާޛު ހުސެއިން މަޒީދު އާއި ފަނޑިޔާރު މުޙައްމަދު ނިޔާޒް އެވެ. މައްސަލައިގައި ފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔު ތަފާތުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!