ލަންކާއަށް ދަތުުރުތައް ފެށުމުގެ ހުއްދަ މޯލްޑިވިއަންއަށް
ދިވެހިރާއްޖޭގެ ގައުމީ އެއާރލައިން މޯލްޑިވިއަންއިން އަވަށްޓެރި ސްރީލަންކާއަށް ދަތުރުތައް ފެށުމުގެ ހުއްދަ ދޭން ނިންމާފައިވާ ކަމަށް ލަންކާގެ ނޫސްތަކުން ރިޕޯޓް ކޮށްފައެވެ.
ލަންކާގެ އެެއާރޕޯޓް ކޮވިޑް-19އަށް ފަހު ހުޅުވާލާފައިވާއިރު ގިނަ އެއާރލައިންތަކަކަށް އެގައުމަށް ދަތުރު ކުރުމުގެ ހުއްދަ އަންނަނީ ދެމުންނެވެ. އެގޮތުން އެގައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީއާ ހަވާލާދީ އެގައުމުގެ ނޫހެއް ކަމަށްވާ، "އެކޮނޮމީނެކްސްޓް.ކޮމް" އިން ބުނެފައިވަނީ އިތިއޯޕިއަން އެއާރލައިން އަދި މޯލްޑިވިއަން އަށް ވެސް އެގައުމަށް ދަތުރު ކުރުމުގެ ހުއްދަ ދީފައިވާ ކަމަށެވެ. އަދި އެއީ އެންމެ ފަހުން ހުއްދަ ދިން 2 އެއާރލައިނެވެ.
މީގެ އިތުރުން ބަންގްލަދޭޝް އަދި ޕާކިސްތާން އެއާރލައިންތަކުން ވެސް ހުއްދައަށް އެދިފައިވާ ކަމަށް އެނޫހުން ރިޕޯޓް ކޮށްފައިވެއެވެ.
ލަންކާއަށް ދަތުރުތައް ފެށުމަށް ހުއްދަ ދީފައިވާ ކަމަށް ނޫސްތަކުން ރިޕޯޓް ކޮށްފައިވީ ކަމުގައި ވިޔަސް ލަންކާއަށް ދަތުރުތައް ފަށާނެ ތާރީހެއް އަދި އެނގިފައެއް ނުވެއެވެ. އަދި މިކަމާ ގުޅޭ ގޮތުން މޯލްޑިވިއަންގެ ބަހެއް އަދި ލިބޭގޮތް ވަނީ ނުވެފައެވެ.
ސްރީލަންކާގެ ނޫސްތަކުގައި އިތުރަށް ބުނެފައިވަނީ އެގައުމަށް ޒިޔާރާތް ކުރާ ފަތުރުވެރިން ބޭތިއްބުމަށް މިހާތަނަށް 50 ހޮޓަލެއް ހަމަޖައްސާފައިވާ ކަމަށެވެ. އަދި އެ ހޮޓާތަކަކީ ރައްކާތެރި ހޮޓާތަކެއް ޔަގީން ކުރެވިފައިވާ ކަމަށް ވެސް އެނޫހުގައި ބުނެފައިވެއެވެ.
ލަންކާއަށް ދަތުރު ކުރެވޭނީ 96 ގަޑިއިރު ކުރިން ޕީސީއާރު ޓެސްޓެއް ހެދުމަށްފަހު ޓެސްޓުގެ ނަތީޖާ ނައްސި ނަމައެވެ. އަދި ލަންކާއަށް ދިއުމުން ވެސް އިތުރު ޓެސްޓެއް ކުރެވޭނެ ކަމަށާއި އަދި އެމީހަކު އެގައުމުގައި މަޑުކުރާ ދުވަހެއްގެ އަދަދަކަށް ބަލައި އިތުރު ޓެސްޓުތައް ހެދޭނެ ކަމަށް ވެސް މި ނޫހުގައި ރިޕޯޓް ކޮށްފައިވެއެވެ.