ކޮވިޑް-19: ކޮޅުފުށިން 9 މީހަކު ފައްސިވެއްޖެ

މ. ކޮޅުފުށިން 9 މީހަކު ކޮވިޑަށް ފައްސިވެއްޖެއެވެ.
ކޮޅުފުށީ ކައުންސިލުގެ ރައީސް ޙުސެއިން ޝާމިލް "ދެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކޮޅުފުށިން މިހާރު 9 މީހަކު ފައްސި ވެފައިވާ ކަމަށާއި އޭގެ ތެރޭގައި އެއް އަހަރުގެ ތުއްތު ކުއްޖަކާއި އުމުރުން ދުވަސްވީ ހައިރިސްކު ދެ މީހަކު ހިމެނޭ ކަމަށެވެ.
ޝާމިލް ވިދާޅުވީ މިއަދު ފައްސި ވެފައިވަނީ ރޭންޑަމް ސާމްޕަލް ނަގާފައިވާ މީހުން ނޫން ކަމަށާއި، އެއީ ފައްސިވީ މީހަކާއި ޑައިރެކްޓް ކޮންޓެކްޓުވި ބަޔަކު ކަމަށެވެ.
ރާއްޖެއިން ކޮވިޑް-19 އަށް މީހުން ފައްސިވަމުން އަންނަ މިންވަރު އަނެއްކާވެސް މިހާރު ދަނީ އިތުރު ވަމުންނެވެ. އެގޮތުން އިއްޔެ މިބައްޔަށް 109 މީހުން ފައްސި ވެފައިވާއިރު މިދިޔަ އާދީއްތަ ދުވަހު 108 މީހަކު ފައްސި ވެފައިވެއެވެ.
މިހާރު ރާއްޖެއިން ޖުމްލަ 15،102 މީހުން ކޮވިޑަށް ފައްސި ވެފައިވާއިރު، 13،884 މީހުން ބަލިން ރަނގަޅު ވެފައިވެއެވެ. އަދި 51 މީހަކު ވަނީ ރާއްޖެއިން މިބަލީގައި ނިޔާވެފައެވެ.