ޚަބަރު

ފަތުރުވެރިން ކަރަންޓީންވާކަށް ނުޖެހޭ: އެޗްޕީއޭ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ކޮވިޑް-19 އާ ގުޅިގެން މީގެ ކުރިން އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއި ދިނުމަށް، މިރޭ އަނެއްކާ ވެސް އެޗްޕީއޭއިން ވަނީ ނިންމާފައެވެ. އެގޮތުން ރާއްޖެއަށް ބޭރުން އަންނަ ފަރާތްތައް ކަރަންޓީނު ކުރަން ވަނީ ނިންމާފައެވެ. ނަމަވެސް މީގެ ތެރޭގައި ފަތުރުވެރިން އިސްތިސްނާވާނެއެވެ.

Ads by Sosun Fihaara

ރާއްޖެއިން ބޭރުން އަންނަ ދިވެހިންނާއި ރާއްޖެއަށް ވޯކް ވިސާގައި އަންނަ ބިދޭސީން ކަރަންޓީނު ވާން ނުޖެހޭ ގޮތަށް ނިންމައި އެގޮތަށް އަމަލު ކުރަން ފަށާފައިވަނީ ހުސްވި 2020 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 16 ވަނަ ދުވަހުއެވެ.

މާލޭގައި ކޮވިޑް ފެތުރުން އިތުރުވާން ފެށުމާއެކު އަޅާފައިވާ ފިޔަވަޅުތައް މިރޭ ހަރުކަށި ކޮށްފައިވާއިރު އެޗްޕީއޭއިން މިރޭ ކުރި ޓްވީޓެއްގައި ވިދާޅުވީ ފަތުރުވެރިން ފިޔަވައި ރާއްޖެއިން ބޭރުން އަންނަ މީހުން 10 ދުވަހުގެ މުއްދަތަށް ކަރަންޓީނު ކުރުމަށް ނިންމާފައިވާ ކަމަށާއި މި ނިންމުމަށް މި މަހުގެ 29 ވަނަ ދުވަހުން ފެށިގެން އަމަލު ކުރަން ފަށާނެ ކަމަށެވެ.

ރާއްޖެ އަންނަ މީހުންގެ ތެރެއިން ރިސޯޓުތަކަށް އަންނަ ފަތުރުވެރިން ފިޔަވައި އެހެން އެންމެން ކަރަންޓީން ކުރަން އެންމެ ފުރަތަމަ ފަށާފައިވަނީ މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައެވެ. އޭގެ ފަހުން ބޯޑަރު ހުޅުވާލުމަށްފަހު ވެސް ރާއްޖެ އަންނަ ދިވެހިންނާއި ވޯކް ވިސާގައި އަންނަ ފަރާތްތައް އަންނަނީ ކަރަންޓީނު ކުރަމުންނެވެ.

އެއަށްފަހު ޑިސެންބަރު 10 ގައި ދިން ލުޔާއެކު، މާލޭ ސަރަހައްދަށް އަންނަ ދިވެހިންނާއި ވޯކް ވިސާގައި އަންނަ ފަރާތްތަށް މާލޭ ސަރަހައްދުގައި އުޅޭނަމަ ކަރަންޓީން ވާން ނުޖެހޭ ގޮތަށްވަނީ ހަދާފައެވެ. މިދެންނެވި ހުރިހާ މަރުހަލާއެއްގައި ވެސް، ފަތުރުވެރިން ކަރަންޓީން ވުމަކާ ނުލާ ބޯޑަރު ހުޅުވާލުމާއެކު، ރިސޯޓްތަކާއި ގެސްޓް ހައުސް ހުޅުވާފައި ހުންނަ ރަށްރަށަށް ދެވެއެވެ.

ރާއްޖޭގައި ކޮވިޑް ކޭސްތައް އިތުރުވެފައިވާއިރު، މާލެ ސަރަހައްދުގެ އިތުރުން ގިނަ ރިސޯޓުތަކެއްގައި ވެސް އަންނަނީ ވައިރަސް ފެތުރެމުންނެވެ. އެގޮތުން ބައެއް ރިސޯޓުތަކުގައި ފަތުރުވެރިންގެ ސަބަބުން މުޖުތަމައަށް ބަލި ފެތުރިފައި ވެސް ވެއެވެ. އަދި ގެސްޓު ހައުސް ހިންގާ، މީހުން ދިރިއުޅޭ ބައެއް ރަށްރަށުގައި ވެސް ފަތުރުވެރިންގެ ސަބަބުން މީގެ ކުރިން ބަލި ފެތުރިފައިވާ ކަން ފާހަގަ ކޮށްލެވެއެވެ.

 

 

 

 

 

Ads by PNC
  1. ކަނބުލޮ

    އެމީހުންވީމާ މާސްކް އަޅާކަށްވެސް ނުޖެހޭ