ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ރިޝްވަތުގެ ދައުވާއަށް ޖަވާބުދާރީވުން މާދަމާ
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއަށް އެމަނިކުފާނު ޖަވާބުދާރީ ވުމަށް ބާއްވާ ޝަރީއަތުގެ މަޖިލިސް މާދަމައަށް ކްރިމިނަލް ކޯޓުން ތާވަލު ކޮށްފިއެވެ.
ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއަށް އެމަނިކުފާނު ޖަވާބުދާރީވުމަށް ބާއްވާ ޝަރީއަތުގެ މަޖިލިސް އަޑުއެހުން ތާވަލު ކޮށްފައިވަނީ މެންދުރުފަހު 2:00 އަށެވެ.
ދައުލަތުން މިދައުވާ ރައީސް ޔާމީންގެ މައްޗަށް އުފުލާފައި ވަނީ ރިސޯޓެއްގެ ގޮތުގައި ފުއްގިރި ތަރައްގީކުރަން ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން 1.1 މިލިއަން ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖީނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް އެ ފައިސާ ލޯންޑަކުރިކަމުގެ ތުހުމަތު ގައެވެ.
ރައީސް ޔާމީންގެ އިތުރުން މިދައުވާ އުފުލާފައި ވަނީ އ. ކުރިކީލަހިޔާ، އަހްމަދު ކްރިކް ރިޒާ އާއި ސަން ކޮންސްޓްރަކްޝަނާއި ސަން އިންވެސްޓްމެންޓްގެ މައްޗަށެވެ.
މިމައްސަލައިގައި މިހާތަނަށް ތިން އަޑުއެހުމެއް ބާއްވާފައިވާއިރު، އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައި ވަނީ މިމަހުގެ 7 ގައެވެ. އެއަޑުއެހުމުގައި ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ މައްޗަށް ކުރާ ދައުވާ، ލިޔެކިޔުންތައް ނުލިބޭތީ ސާފު ނުވާ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. ނަމަވެސް ދައުލަތުގެ ވަކީލާ ވިދާޅުވީ އެ މައްސަލައާ ގުޅިގެން ހުރިހާ ލިޔެކިޔުމެއް ވެސް ހަވާލު ކޮށްފައިވާ ކަމަށެވެ.
މިއަޑުއެހުމުގައި ދައުލަތުން ވަނީ ރައީސް ޔާމީންގެ މިލްކިއްޔާތުގައި ހުރި އާމްދަނީ އާއި ނުބައްދަލު މުދާ ދައުލަތަށް ނެގުމުގެ އަމުރަކަށް ވެސް އެދިފައެވެ.
އިދިކޮޅު ޕްރޮގްރެސިވް ޕާޓީގެ ލީޑަރ ރައީސް ޔާމީން މިހާރުވެސް ގެންދަވަނީ ދައުލަތުން އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންގެ މައްސަލައިގައި ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރާއި ހަ މަސް ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.