ދީން

ބަންގީގެ އަޑަކީ މުޅި ދުނިޔެއިން ވެސް އިވޭ އެންމެ ރީތި އަޑު : މޯގަން ފްރީމަން

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ނަމާދަށް ދިޔުމަށް މުސްލިމުންނަށް ގޮވާ (ބަންގީގެ) އަޑަކީ، މުޅި ދުނިޔެއިން ވެސް އިވޭ އެންމެ ރީތި އަޑު ކަމަށް ހޮލީވުޑްގެ މަޝްހޫރު އެކްޓަރ މޯގަން ފްރީމަން ބުނެފިއެވެ.

Ads by STELCO

ނޭޝަނަލް ޖިއޮގްރެފިކް ޗެނަލުން ދެއްކުމަށް މޯގަން ހެދި "ދަ ސްޓޯރީ އޮފް ގޯޑް" ނަމަކަށް ކިޔާ ޑޮކިއުމެންޓަރީ އެއްގެ މަސައްކަތުގައި، އޭނާ ވަނީ ދުނިޔޭގެ އެކި ޤައުމުތަކަށް ޒިޔާރަތްކޮށް ދިރާސާ ކޮށްފައެވެ. އެކިއެކި ދީން ތަކާ ބެހޭގޮތުން މައުލޫމާތު ގެނެސްދޭން މަސައްކަތް ކޮށްފައިވާ މިޑޮކިއުމެންޓަރީ މިހާރު ވަނީ ރިލީސް ވެސް ކޮށްފައެވެ.

އެޑޮކިއުމެންޓަރީގެ އެޕިސޯޑެއްގައި މޯގަން ބުނެފައިވަނީ، ބަންގީގެ އަޑަކީ އޭނާއަށް މުޅި މިދުނިޔެއިން ވެސް އިވުނު އެންމެ ރީތި އަޑު ކަމަށެވެ. އޭނާ މިހެން ބުނެފައި ވަނީ މުސްލިމު ދީނީ ޢިލްމުވެރިއަކާ ވާހަކަ ދައްކަމުންނެވެ.

ގާހިރާއަށް މޯގަން ކުރި އެދަތުރުގައި އޭނާ ބުނެފައި ވަނީ، ޔަހޫދީންނާއި މުސްލިމުންގެ ހުންނަނީ އެއް ކަލާނގެއެއް ކަމަށް މީހުން ބުނެފައިވާތީ، އޭނާ ބޭނުންވަނީ އެކަމުގެ ހަގީގަތް ހޯދާ، ޔަހޫދީންނާއި މުސްލިމުންގެ ހުރި ތަފާތު އެނގެން ކަމަށެވެ.

މޯގަން އަށް މައުލޫމާތު ދިނުމަށް އިސްލާމީދީނުގެ ތާރީޚީ ޢިލްމުވެރިޔާ އަޙުމަދު ރަގާބް ވަނީ މޯގަން، އަލް ޙުސެއިން މިސްކިތައް ގެންގޮސްފައެވެ. ރަގާބް ބުނީ، މިސްކިތުގެ ދޮރުތަކަކީ ކޮންމެ މީހަކަށް ވެސް ހުޅުވިފައިވާ ދޮރުތަކެއް ކަމަށާއި، ކޮންމެ މީހަކަށް ވެސް މިސްކިތައް ވަދެ، މުސްލިމުން ނަމާދު ކުރާތަން ބެލޭނެ ކަމަށެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި، މޯގަން ވަނީ މިސްކިތާ ބެހޭގޮތުން ރަގާބްއާ ބައެއް ސުވާލުތަކެއް ކޮށްފައެވެ. އެގޮތުން، މިސްކިތަށް ގޮސް ނަމާދު ކުރުމުން މާތް ﷲ އާއި ގުޅުން ބަދަހި ކުރެވޭނެތޯ ވެސް މޯގަން އެހުމުން، ޖަވާބުގައި ރަގާބް ބުނެފައިވަނީ އާނއެކޭ އެވެ.

އެދުވަހު މޯގަން ވަނީ އެމިސްކިތުގައި މުސްލިމުން ނަމާދު ކުރާ ގޮތް ބަލާލާފައެވެ. ނަމާދުކޮށް ނިމިގެން މާތް ﷲ ޙަޟްރަތަށް ދުޢާ ކުރާ މަންޒަރު ފެނުމުން އޭނާ ބުނެފައި ވަނީ، ހީވީ ކުރިމަތީ ފެންނަން ހުރި މީހަކާ މުސްލިމުން ވާހަކަ ދައްކަމުން ދިޔަހެން ކަމަށެވެ. ނަމަވެސް، ލޮލަށް ނުފެންނަ ފަރާތަކާ ވާހަކަ ދައްކާނީ ކިހިނެއްތޯ އޭނާގެ ހިތުގައި ސުވާލު އުފެދުމުން، ރަގާބް ވަނީ އެފަދަ ސުވާލު ތަކަށް ޖަވާބު ދިނުމަށް މޯގަންއާ ދީނީ ޢިލްމުވެރިއެއް ކަމަށްވާ އިމާމް އަލް އަމީރު މަޙްފޫޒްއާ ބައްދަލު ކުރުވާފައެވެ.

އިމާމް އަލް އަމީރު ގާތު މޯގަން ސުވާލު ކޮށްފައި ވަނީ، މުސްލިމުން ވާހަކަ ދައްކާ ފަރާތާ ބެހޭ ގޮތުންނެވެ. މުސްލިމުންނަށް އެފަރާތެއް ފެންނަނީތޯ ވެސް ސުވާލު ކޮށްފައިވެއެވެ. އަދި މާތް ﷲ ސިފަ ކުރާނީ ކިހިނެއްތޯ ވެސް ސުވާލު ކޮށްފައިވެއެވެ.

އޭނާގެ ސުވާލަށް ޖަވާބު ދެއްވަމުން އިމާމު ވިދާޅުވީ، މާތް ﷲ ސިފަ ކުރުމުގެ ޤާބިލުކަން އެކަކަށް ވެސް ލިބިގެން ނުވާ ކަމަށާއި، އެއްވެސް މީހަކަށް މާތް ﷲ ސިފަ ނުކުރެވޭނެ ކަމަށެވެ. އަދި އިންސާނުންގެ ސިކުނޑިން މާތް ﷲގެ ޒާތުފުޅާ މެދު ވިސްނި ކަމުގައިވިޔަސް، ހަގީގަތުގައި އެކަލާނގެ އެސިފައަކާ ގާތް ވެސް ނުކުރާނެ ކަމަށް ވެސް އިމާމު ވިދާޅުވެފައިވެއެވެ.

މޯގަން ދެން ސުވާލު ކޮށްފައި ވަނީ ބަންގިއާ ބެހޭގޮތުންނެވެ. އެގޮތުން ބަންގީގެ އަޑަކީ އޭނާ މިހާތަނަށް އަޑުއެހި އެންމެ ރީތި އަޑު ކަމަށާއި، ބަންގި ގޮވަން ފެށުނު ގޮތާމެދު ވެސް މޯގަން ވަނީ ސުވާލު ކޮށްފައެވެ.

އެސުވާލުގެ ޖަވާބުގައި ރަގާބް ބުނެފައިވަނީ ރަސޫލާ (ޞޢޥ) ގެ އަސްޙާބު ބޭކަލަކަށް އެއްރޭ ހުވަފެންފުޅެއް ފެނިވަޑައިގެންނެވި ކަމަށާއި، އެހުވަފެންފުޅުގައި ފެނިވަޑައިގެންނެވީ ބަންގި ގޮވަނިކޮށް ކަމަށެވެ. އަދި އެވާހަކަ އެއަސްޙާބު ބޭކަލު ރަސޫލާ (ޞޢޥ) އަށް ދެންނެވި ކަމަށާއި، އެދުވަހަށްފަހު ކޮންމެ ދުވަހަކު ބަންގި ގޮވަން ފެށުނު ކަމަށެވެ.

ބަންގި ގޮވަން މުދިމަކު ހޮވުމުގައި އޮޑިޝަނެއް ބާއްވާތޯ ވެސް މޯގަން ސުވާލު ކުރިއެވެ. އޭގެ ޖަވާބުގައި އިމާމު އަލް އަމީރު ވިދާޅުވީ، ކޮންމެވެސް ފާޑެއްގެ އޯޑިޝަނެއް ބާއްވާ ކަމަށާއި، އަޑު އެންމެ ރީތި މީހަކަށް އެފުރުސަތުދޭ ކަމަށެވެ.

މޯގަން ވަނީ އޭނާގެ އެދަތުރުގައި، ބަންގި ގޮވޭތޯ މަސައްކަތް ވެސް ކޮށްފައެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!