ލައިފްސްޓައިލް

އެކުގައި އުޅެން ފޫހިވާ ވާހަކަ އަނބިމީހާ ބުނުމުގެ ކުރިން މިކަންކަމަށް ތިބާ ސަމާލުކަން ދޭ މިންވަރާ މެދު ވިސްނައިލާ!

ދެން އެމްވީ ، ދެން އޮންލައިން

ކައިވެންޏަކީ ﷲ ލެއްވި މަތިވެރި މުޤައްދަސް ގުޅުމެކެވެ. އެއީ ދެ މީހެއްގެ ޙަޔާތް ، އެއް ޙަޔާތަކަށް ބަދަލުކޮށްލާ މަތިވެރި ގުޅުމެކެވެ. އެކަކަށް ލިބޭ ހިތާމައިގައި އަނެކަކު ބައިވެރިވުމާއި އުފާވެރިކަމުގައި އެކަމުގެ އިހްސާސް ހިއްސާކުރުމާއި ، ދަތި ޙާލަށް ކެތްކުރުން ފަދަ އެތައް ކަމަކަށް ވިސްނަން ޖެހޭ ކައިވެންޏަކީ ވަކި މުއްދަތަކަށް ނުވަތަ ވަކި ކަމަކަށް ކުރެވޭ ކަމެއް ނޫނެވެ. ނަމަވެސް އަހަރެމެންގެ މުޖުތަމަޢުތަކުން މިއަދު ފެންނަ އެންމެ ބޮޑު އެއް ހިތްދަތި ކަމަކީ ކައިވެނިތައް އަވަހަށް ރޫޅުމެވެ. އެތައް ދުވަހަކު ރައްޓެހިވެގެން އުޅުމަށްފަހު ވެސް ޖަހާ ކައިވެނީގެ ގޮށަކީ ބާރުގަދަ ގޮށަކަށް ވެގެން ނުދެއެވެ. ދިމާވާ ވަރަށް އާދައިގެ ކަންކަމުގައި ވެސް ހައްލެއް ނުހޯދި އެގޮށް ދޫ ވެގެން ދާކަމީ މިއަދުގެ ޙަޤީޤަތެވެ.

Ads by STELCO

ކައިވެނިތައް ދެމެހެއްޓުމަށް ދެމަފިރިންގެ ޒިންމާ ވެސް ބޮޑެވެ. ޚާއްޞަކޮށް ފިރިމީހާ މިކަމަށް ވިސްނުން ހުއްޓެވެ. ތިބާގެ ބެލުމުގެ ދަށަށް ގެނައި އަންހެނަކީ މީގެ ކުރިން ދެމަފިރިއަކު ލޯބިން ބަލާ ބޮޑު ކުރި ކުއްޖެކެވެ. އެކުއްޖާއަށް ކިތަންމެ ކުޑަ ނަމަވެސް ހިތާމައެއް ލިބުމަކަށް އެމީހުން ފުރުސަތެއް ނުދެއެވެ. ވީއިރު އެމީހުންގެ ބެލެނިވެރިކަމުން ތިބާގެ ބެލުމުގެ ދަށަށް ގެންނަ އަންހެނާއަށް ސަމާލު ވާން ޖެހެއެވެ.އޭނާ ހިތްދަތިކޮށްގެން ނުވާނެއެވެ.

ކައިވެނިތައް ދެމެހެއްޓުމަށް ޓަކައި ފިިރިން ސަމާލުކަން ދޭން ޖެހޭ ވަރަށް ގިނަ ކަންކަން ޝައިޚް މުޙައްމަދު ޝާފިޢު ވަނީ ވިދާޅުވެ ދެއްވާފައެވެ.

މުޖުތަމަޢުން ފެންނަ މަންޒަރެއް ކަމަށް ސިފަ ކުރައްވާ ޝާފިޢު ވިދާޅުވީ ''ކައިވެނިކުރީ ވަރަށް ލޯބިން ، އެކަމަކު ދުވަސްކޮޅަކުން އަނބިމީހާ ބުނީ އެކުގައި އުޅެން ބޭނުމެއް ނުވެޔޯ!، ފޫހި ވަނިއްޔޯ!'' ކަމަށާއި ކައިވެނިތައް ދެމެހެއްޓުމަށް ޓަކައި ފިރިން ، އަނބިންނަށް އަޅާލުމާއި އޯގާތެރިވެ ލޯބި ދިނުމުގެ އިތުރުން އެކަނުބުލޭގެ އަށް ސަމާލުކަންދީ ހަދިޔާ ދިނުން މުހިންމު ކަމަށެވެ. ހަމައެހެންމެ އަނބިމީހާއާއި ރީތިކޮށް ވާހަކަ ދެއްކުމާއި ޒުވާބު ނުކުރުމާއި އަނބިމީހާގެ ބުރުސޫރައަށާއި ބޮލުގެ އިސްތަށިގަނޑަށް ދާންދެން ތަޢުރީފް ކުރަން ވާނެ ކަމަށް ޝާފިޢު ފާހަގަ ކުރެއްވިއެވެ.

މީހެ އިތުރުން ފިރިން ސަމާލުކަން ދޭން ޖެހޭ ކަންތައްތަކުގެ ތެރޭގައި އަނބިމީހާއަށް ހަދިޔާ ދިނުމާއި އަނބިމީހާގެ ކުށްތައް ހޯދަން ނޫޅެ، އޭނާއަށް މަޢާފް ކުރުމާއި ޕޮސިޓިވްކޮށް ވިސްނުމާއި އެކަނބުލޭގެ އާއެކު އަގުހުރި ވަގުތުތައް ހޭދަ ކުރުމާއި ، އެކުގައި ހޭދަ ކުރާ ވަގުތުތަކުގައި ފޯނާއި ދުރުވުމަށް ސަމާލުކަން ދިނުމަށް ޝައިޚް ވިދާޅުވެފައިވެއެވެ.

ކައިވެނީގެ ގުޅުމަކީ އުފާވެރިކަމާއި ހިތްހަމަ ޖެހުން ހޯދަން އޮތް ގުޅުމަކަށް ވީއިރު މި ގުޅުމުން އެނަތީޖާ ހާސިލް ކުރެވޭނީ ދެމީހުންމެ އެކަމަށް ވިސްނައި ގަދަ އަޅާ މަސައްކަތް ކޮށްގެންނެވެ. ވީއިރު އެކުގައި އުޅެން ފޫހިވާކަމަށް އަނބިމީހާ ބުނުމުގެ ކުރިން ތިބާ މިކަންކަމާ މެދު ތިބާ ސަމާލުވާ މިންވަރާ މެދު އަމިއްލަ ނަފްސާ ސުވާލު ކޮށްލާށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!