ޚަބަރު

އިންޑިއާގެ އަސްކަރީ މަނަވަރެއް ރާއްޖެ އަތުވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މުހިންމު މަސައްކަތެއްގައި އިންޑިއާގެ އަސްކަރީ މަނަވަރެއް ރާއްޖެ އަތުވެއްޖެއެވެ.

Ads by STELCO

މިއަދު ރާއްޖެ އައިސްފައި ވަނީ، އެމްއެންޑީއެފާއި އިންޑިއާގެ ނޭޝަނަލް ހައިޑްރޯގްރެފިކް އޮފީހާ ގުޅިގެން ފެށުމަށް ރޭވިފައިވާ، ރާއްޖޭގެ ނެވިގޭޝަން ޗާޓު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރުމަށް އިންޑިއަން ނޭވީ ޝިޕް "ދަރްޝަކް" އެވެ.

މިކަމާ ގުޅިގެން އެމްއެންޑީއެފްއިން ބުނީ އިންޑިއަން ނޭވީ ޝިޕް "ދަރްޝަކް" ރާއްޖެއަށް ކުރަމުންދާ ސާވޭ ދަތުރުގައި، މިއަދުން ފެށިގެން އަންނަ މާޗް 15 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ހަރަކާތްތެރިވާނެ ކަމަށެވެ.

ދިވެހިރާއްޖޭގެ ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށްޓަކައި ކުރަން ރާވާފައިވާ އެ މަސައްކަތަކީ، ކަމާ ގުޅުންހުރި ރާއްޖޭގެ އިދާރާތަކުގެ ފުރިހަމަ ބައިވެރިވުމާ އެކު އެ މުއްދަތުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ސާވޭއެއް ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

2007 ވަނަ އަހަރުން ފެށިގެން އިންޑިއާގެ ނޭޝަނަލް ހައިޑްރޯގްރެފިކް އޮފީހާ ގުޅިގެން ރާއްޖޭގައި ކުރަމުންދާ ހައިޑްރޮގްރެފިކް ސަރވޭއަކީ ދިވެހިރާއްޖޭގައި ނިޔަމިކަމަށް ބޭނުން ކުރަމުން އަންނަ ކަރުދާސް ޗާޓާއި، ޖީޕީއެސް އަދި އެކްޑިސްގައި ބޭނުންކުރެވޭ އިލެކްޓްރޯނިކް ޗާޓުތައް އަޕްޑޭޓް ކުރުމާއި، އެންކަރޭޖް އަދި އެޕްރޯޗް ޗާޓު ހެދުމަށްޓަކައި ކުރެވޭ ސަރވޭއެއް ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

މިފަދަ ސަރވޭއެއްގެ އަލީގައި، ރާއްޖޭގައި އެންމެ ގިނައިން ހިނގާ ކަނޑުމަތީގެ ހާދިސާކަމުގައިވާ ފަރަށް އެރުންފަދަ ހާދިސާތައް މަދުކުރެވި، ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ކަށަވަރު ކުރެވި އޮޑިވެރިންނަށް ލިބޭ ގެއްލުން ކުޑަކުރެވޭނެ ކަމަށާއި މި މަސައްކަތުގެ ސަބަބުން އިންޝުއަރެންސް ކްލެއިމްތައް ލީގަލައިޒް ކުރެވުމާއި، އިޤްތިޞާދު ފުޅާކުރުމަށް ބޭނުންވާ މަޢުލޫމާތު ލިބިގެންދާނެ ކަމަށް ވެސް ބުންޏެވެ.

މީގެ އިތުރުން، ދިވެހިރާއްޖޭގެ ތިމާވެއްޓަށް ލިބޭ ގެއްލުންތައް ދިރާސާ ކުރުމަށް ބޭނުންވާނެ މަޢުލޫމާތާއި ކޯސްޓަލް ޒޯން މެނޭޖްމަންޓް ފަދަ މުހިންމު މަސައްކަތްތަކަށް ބޭނުންވާނެ މަޢުލޫމާތު ވެސް ލިބިގެންދާނެ ކަމަށް ވެސް އެމްއެންޑީއެފްއިން ބުންޏެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!