ރައީސް ސޯލިހު ކޮވިޑް-19 ވެކްސިން ޖައްސަވައިފި
ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިން ޖައްސަވައިފިއެވެ.
ރާއްޖޭގެ ގައުމީ ވެކްސިން ޕްރޮގްރާމް މިއަދު ފަށާފައިވާއިރު، ރައީސް ސޯލިހު ވެސް ވެކްސިން ޖައްސަވާފައި ވަނީ މި ޕްރޮގްރާމް ގެ ދަށުންނެވެ. ވެކްސިން ޖެއްސެވި އެހެން ބޭފުޅުންނެކޭ އެއްފަދައިން ރައީސް ސޯލިހު ވެސް ވެކްސިން ޖެއްސެވި ތަނުގައި 15 މިނަޓު މަޑުކުރައްވާނެއެވެ.
ރައީސް ސޯލިހުއަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ކޮވިޑް-19 ވެކްސިން ޖައްސަވާފައެވެ.
ކޮވިޑް-19 ގެ ވެކްސިން ޕްރޮގުރާމު ފެއްޓެވުމަށް މާލޭގެ ސޯޝަލް ސެންޓަރުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިވެކްސިނަކީ ކޮވިޑް-19ގެ ސަބަބުން ރާއްޖެއަށް ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް ފެށޭ ފުރަތަމަ މަސައްކަތް ކަމުގައެވެ.
ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ރައްޔިތުން ފާއިތުވެދިޔަ 11 މަސްދުވަހުގެ ތެރޭގައި ވަރަށް ހިތްދަތި ދުވަސްތަކެއް ހޭދަކޮށްފައިވާ ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ޞިއްޙީ ދާއިރާގެ ބޭފުޅުންގެ އިރުޝާދާއި މަޝްވަރާގެ މަތީން ރާއްޖޭގައި އަޅަމުންދިޔަ ފިޔަވަޅުތަކާއެކު ބޮޑެތި ކާމިޔާބީތަކެއް ހޯދިފައިވާ ކަމަށާއި އެކަމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ ވެކްސިން ޖައްސަވާފައި ވަނީ އައިޖީއެމްއެޗްގެ މެޑިކަލް އޮފިސަރ ޑރ. ޝިރާނީ އަބްދުއްރަހީމެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް އިންޑިއާގެ ސެރަމް އިންސްޓިޓިއުޓުން ވަނީ އެއް ލައްކަ ވެކްސިން ޑޯޒް ރާއްޖެއަށް ހަދިޔާ ކޮށްފައެވެ. މިއީ މިހާތަނަށް ރާއްޖެއަށް ލިބުނު ހަމައެކަނި ވެކްސިނެވެ.