ކޮވިޑް-19: ރައީސް ނަޝީދު ވެސް ވެކްސިން ޖައްސަވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ކޮވިޑް-19 އަށް ވެކްސިން ޖައްސަވައިފިއެވެ.
އިންޑިއާއިން ހަދިޔާ ކުރެއްވި ކޮވިޝީލްޑް ވެކްސިން ރައީސް ނަޝީދު ޖައްސަވާފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހުގެ އިތުރުން އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވެސް ވަނީ ވެކްސިން ޖައްސަވާފައެވެ.
ދައުލަތުގެ ތިން ބާރުގެ އެންމެ އިސް ބޭފުޅުން ވެސް ވެކްސިން ޖައްސަވާފައިވަނީ ވެކްސިން ޕްރޮގްރާމް ފެށުމަށް ސޯޝަލް ސެންޓަރުގައި މިއަދު ބޭއްވި ރައްމިއްޔާތުގައެވެ.
މި ބޭފުޅުންގެ އިތުރުން ދައުލަތުގެ އިސް އެހެން ބައެއް ބޭފުޅުން ވެސް އަންނަނީ ކޮވިޑް ވެކްސިން ޖައްސަވަމުންނެވެ. އޭގެ ތެރޭގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވެސް ހިމެނިވަޑައިގަންނަވަ އެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ ވެކްސިން ޖައްސަވާފައިވަނީ އައިޖީއެމްއެޗްގެ މެޑިކަލް އޮފިސަރ ޑރ. ޝިރާނީ އަބްދުއްރަހީމް އެވެ. މީގެ އިތުރުން ވެސް ބައެއް ސިއްހީ ހިދުމަތްތެރިންނާއި ހައި ރިސްކު ބޭފުޅެއް ވެސް ހިމެނެއެވެ.