ކަރަންޓީން ފެސިލިޓީގައި ޖިންސީ ގޯނާގެ ކުރި ކަމުގެ ތުހުމަތު ކުރެވެނީ އެމްއެންޑީއެފްގެ މީހަކަށް: މަބްރޫކް

ފ.ފިލިތެޔޮ ރިސޯޓު ކަރަންޓީނު ފެސިލިޓީގައި ހުރި އަންހެނަކަށް ޖިންސީ ގޯނާގެ ކުރި ކަމުގެ ތުހުމަތު ކުރެވެނީ އެމްއެންޑީއެފްގެ މީހަކަށް ކަމަށް ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ ފިލިތެޔޮ އައިލޭންޑް ރިސޯޓުގައި ކަރަންޓީނުގައި ހުރި އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިއަދު ހަވީރު ހުށަހަޅާފައިވާ ކަމަށެވެ.
މިކަމާ ގުޅިގެން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ މި މައްސަލައިގެ ތުހުމަތު ކުރެވެނީ އެ ކަރަންޓީން ފެސިލިޓީ ހަވާލުވެ ހުންނެވި މެނޭޖަރ ލެވެލްގެ އެމްއެންޑީއެފް މީހަކަށް ކަމަށެވެ. މިމައްސަލައިގެން ތަހަގީގު ފުލުހުން ފަށައިގެން ކުރިއަށްދާކަން ފާހަގަކުރައްވާ މަބްރޫކް ވިދާޅުވީ، މި މައްސަލާގައި ތުހުމަތު ކުރެވޭ މީހުންނާމެދު އެމްއެންޑީއެފް އިން ފިޔަވަޅުތަކެއްވެސް އަޅާފައިވާކަމަށެވެ.
މަބްރޫކް ވިދާޅުވީ، މިކަމުގައި ޖެންޑާ މިނިސްޓްރީންވެސް ބަލަންޖެހޭ ކަންކަންވެސް ބަލަމުންދާކަމަށާއި، އެ މިނިސްޓްރީގެ ފަރާތުން އެ އާއިލާއާއި ވާހަކަދައްކާފައިވާކަމަށެވެ. މި މައްސަލައާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށް މަބްރޫކް ވިދާޅުވިއެވެ.