ހެންވޭރު ގެއެއްގެ ތެރޭގައި ހިނގި މާރާމާރީއެއްގައި އަނިޔާވި މީހަކަށް ފަރުވާދެނީ

މާލޭގެ ހެންވޭރުގައި ހުރި ގެއެއްގެ ތެރޭގައި ހިނގި މާރާމާރީ އަކާ ގުޅިގެން، އަނިޔާވި އެކަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އެބަދެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މާލެ ހެންވޭރު ގެއެއްގެ ތެރޭގައި ހިނގި މާރާމާރީއެއްގައި މީހަކަށް އަނިޔާ ވެފައިވާ ކަމުގެ މައުލޫމާތު މިއަދު 17:30 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
"މި މާރާމާރީގައި އަނިޔާވި މީހާއަށް އޭޑީކޭ ގައި ދަނީ ފަރުވާ ދެމުން" ފުލުހުން ވިދާޅުވެފައި ވެއެވެ.
މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މިފަހަކަށް އައިސް މާލޭގައި މާރާމާރީގެ މައްސަލަތައް އަނެއްކާ ވެސް އަންނަނީ އިތުރު ވަމުންނެވެ. އެގޮތުން މިދިޔަ ޖެނުއަރީ މަހުގެ 31 ގައި އަސަރީ ހިނގުމުގައި ވެސް ވަނީ މީހަކަށް ތޫނު އެއްޗަކުން ހަމަލާ ދީފައެވެ. އަދި ހަމަ އެރޭ ސަލްމާން ރަސްގެފާނު މިސްކިތް ކައިރިން އޮންނަ ދަނޑުގައި ވެސް ވަނީ މާރާމާރީއެއް ހިންގާފައެވެ.