ރާއްޖޭގެ ހުރިހާ ރަށެއްގައި މާސްކު އެޅުމަށް މަޖުބޫރުކޮށްފައި ވަނީ މި މަހު 7 އިން ފެށިގެން
މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މާސްކް އެޅުން މަޖުބޫރު ކޮށްފައި ވަނީ މި މަހުގެ 7 އިން ފެށިގެން ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިފަދައިން އަންގާފައި މިވަނީ، ފަހަކަށް އައިސް މާލެ ސަރަޙައްދު (މާލެ،ވިލިމާލެ،ހުޅުމާލެ) ގެ އިތުރުން އަތޮޅު ތެރޭގެ ރަށްރަށުގައި ވެސްކޮވިޑް-19 ފެތުރެމުން ދިޔުމާ ގުޅިގެން ކަމަށެވެ.
މާސްކު ނާޅާ ބޭރަށް ނިކުމެވޭނީ އުމުރުން 2 (ދޭއް) އަހަރުން ދަށުގެ ކުޑަކުދިންނާއި ކަސްރަތު ކުރަން އުޅޭ މީހުން ކަސްރަތުކުރާ ވަގުތުތަކުގައްޔާއި އެހެން މީހެއްގެ އެހީއާ ނުލައި މާސްކުއަޅައި، މާސްކް ނުނެގޭ މީހުންގެ އިތުރުން ހޮޓާ ކެފޭ، ރެސްޓޯރަންޓް، ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން ޚިދުމަތް ހޯދާ ފަރާތްތައް، ޚިދުމަތް ހޯދާ ވަގުތުގައި ކަމަށެވެ.
ކޮވިޑް-19 ރާއްޖޭގައި ފައްސިވާ މީހުންގެ އިންސައްތަ އިތުރުވާން ފެށުމުން ސަރުކާރުން ވަނީ މާދަމާއިން ފެށިގެން މާލެ ސަރަހައްދުގައި ރޭގަނޑު 8:30 އިން ފަތިހު 4:30 އަށް އެއްގަމު އުޅަނދު ދުއްވުން މަނާކޮށް، ރޭގަނޑު 11 އިން ފަތިހު 4:30 އަށް ބޭރުގައި އުޅުން މަނާ ކޮށްފައެވެ.
މީގެ އިތުރުން އެޗްޕީއޭ އިން ވަނީ މާދަމާ އިން ފެށިގެން ޕާކުތަކާއި މައިދާން ތަކަށް މީހުން ޒިޔާރަތް ކުރުން ކުރިޔަށް އޮތް ދެ ހަފްތާ އަށް ހުއްޓާލުމަށް އަންގާފައެވެ. އަދި ޕްރީ ސްކޫލްތަކާއި ނާސަރީތަކާއި ޑޭކެއާ ހިދުމަތް ބަންދު ކޮށް ޔުނިވާސިޓީ އާއި ކޮލެޖް ފަދަ ތަންތަނުގެ ކިޔަވައި ދިނުން ކުރިއަށް އޮތް 2 ހަފްތާގައި އޮންލައިކޮށް ކުރިއަށް ގެންދިއުމަށް ވެސް އެޗްޕީއޭ އިން ވަނީ އަންގާފައެވެ.