ޚަބަރު

ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ އަމީން ގޭ ބަންދަށް ބަދަލު ކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ދީނީ ހަރުކަށި ފިކުރު ފަތުރާކަމަށާއި، ބޭރުގެ ހަނގުރާމަވެރި ޖަމާއަތްތަކަށް ދިވެހިން ފޮނުވާކަމުގެ ތުހުމަތު ކުރެވޭ މުހައްމަދު އަމީން ޏ. ފުވައްމުލައް، މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށްފަހު ގޭބަންދަށް ބަދަލު ކޮށްފިއެވެ.

Ads by MWSC

މުހައްމަދު އަމީންގެ މައްޗަށް ޓެރަރިޒަމްގެ 2 ދައުވާއެއް އުފުލާފައިވެއެވެ. އެއީ ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާއާއި، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއެވެ.

ކްރިމިނަލް ކޯޓުގައި އަމީންގެ ބަންދު މުރާޖައާ ކުރުމަށް މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ އަމީނަކީ ޖިނާއީ ބޮޑު ކުށެއްގެ ތުހުމަތު ކުރެވޭ މީހެއްކަން ފާހަގަކޮށް އޭނާ ބަންދުން ދޫކޮށްލަން ޖެހޭ އެއްވެސް ސަބަބެއް އޮތް ކަމަށް ގަބޫލު ނުކުރާ ކަމަށް ބުނެފައެވެ.

ދިފާއީ ވަކީލް ވިދާޅުވި ގޮތުގައި އަމީންގެ ބަލިހާލަތު ގޯސް ވަމުންދާއިރު އޭނާއަށް އެކަށީގެންވާ ވަރަށް ކަރެކްޝަންސްއިން ބޭސްފަރުވާ ކޮށްފައެއް ނުވެއެވެ. ނަމަވެސް، ކަރެކްޝަންސްގެ އޮފިޝަލުން ބުނެފައި ވަނީ އޭނާއަށް ބޭސްފަރުވާ ދެމުން ގޮސްފައިވާ ކަމަށެވެ.

ދެފަރާތުގެ ވާހަކަތައް އަޑު އެއްސެވުމަށްފަހު މައްސަލަ ބައްލަވަމުން ގެންދެވި ފަނޑިޔާރު ވަނީ އަމީން ގޭ ބަންދަށް ބަދަލު ކުރުމަށް ނިންމާފައެވެ. އޭނާ ގޭބަންދަށް ދޫކޮށްފައި ވަނީ ދިރިއުޅޭ ގެއިން ބޭރަށް ނުނިކުތުމާއި، ޝަރީއަތަށް އެއްބާރުލުން ދިނުމާއި، ތުހުމަތު ކުރެވޭ ޒާތުގެ އެހެން ކުށެއް ނުވަތަ އެ ނޫން އެއްވެސް ކުށެއް ނުކުރުމަށް ޝަރުތު ކުރުމަށް ފަހުއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!