ޚަބަރު

ފުރަތަމަ ފަހަރަށް ރާއްޖެއިން ފަލަސްތީނަށް ސަފީރެއް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ފުރަތަމަ ފަހަރަށް ފަލަސްތީނަށް "ނޮން-ރެސިޑެންޓް" ސަފީރެއް މި އަހަރުގެ ތެރޭގައި އައްޔަން ކުރުމަށް ގަސްދުކުރައްވާ ކަމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިއަހަރަށް ރައްޔިތުންގެ މަޖްލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި، ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

ހާރިޖީ ދާއިރާއަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، މި ރޮނގުން ރާއްޖޭގެ އެންމެ އިސް ސިޔާސަތަކީ، ދިވެހިރާއްޖެއާއި ދިވެހީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއެކު، ކޮންމެ ކަމެއްގައިވެސް ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ހިމާޔަތް ކުރުން ކަމަށެވެ.

އެގޮތުން އިންސާނީ ހައްގުތައް ހިމާޔަތްކޮށް، ޑިމޮކްރަސީގެ ހަމަތައް ނަގަހައްޓައި، ތިމާވެއްޓަށް އަންނަ ބަދަލުތަކުން ރާއްޖެ ރައްކާތެރި ކުރުމަކީ ވެސް ރާއްޖޭގެ ހާރިޖީ ގުޅުންތައް އެކަމެއްގެ މައްޗަށް ބިނާވެފައިވާ ވަރަށް މުހިންމު އަސާސެއް ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ހާރިޖީ ދާއިރާއިން މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ، އެކި ގައުމުތަކާއި ރާއްޖެއާ ދެމެދު ހީނަރުވެފައި އޮތް ގުޅުންތައް އަލުން އިޔާދަކޮށް، ބަދަހިކޮށް އާލާ ކުރުމަށް ކަމަށް ވެސް ރައީސް ސޯލިހު ފާހަގަ ކުރެއްވިއެވެ.

ކޮވިޑް-19 ގެ ދަތި ކަމުގައި ވެސް، ރަހުމަތްތެރި ގައުމުތަކުންނާއި ބައިނަލްއަގުވާމީ ޖަމާއަތްތަކުން ފޯރު ކޮށްދިން ދީލަތި އެހީތެރިކަމަކީ ހާރިޖީ ގުޅުން މިހާރު ބަދަހިވެފައިވާ މިންވަރު ދައްކުވައިދޭ އަލިގަދަ ހެއްކެއް ކަމަށްވެސް ރައީސް ސޯލިހު ވަނީ ފާހަގަ ކުރައްވާފައެވެ.

ދިވެހި ރާއްޖެއިން މިހާރުވެސް 25 ގައުމަކަށް ނޮން ރެސިޑެންޓް ސަފީރުން ވަނީ ކަނޑައަޅާފައެވެ. ދިވެހިރާއްޖެއިން އަބަދުވެސް ދަނީ ބައިނަލްއަގުވާމީ މައިދާންތަކުގައި ވެސް ފަލަސްތީނުގެ ހައްގުތަކަށް ހަރުއަޑުން ވަކާލާތު ކުރަމުންނެވެ. އެގޮތުން، އަމިއްލަ ވަޒަނުގައި ފަލަސްތީނުގެ ރައްޔިތުންނަށް އޮތް ހައްގުތައް، ބައިނަލްއަގުވާމީ މުޖުތަމައުން ބަލައިގަތުމަށް ރައީސް ސޯލިހު ވެސް ވަނީ ގޮވާލައްވާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!