ރައީސް ޗެމްބަރުން ނިކުމެ ވަޑައިގަތް ވަގުތު އިދިކޮޅު މެންބަރުން އިހުތިޖާޖު ކުރައްވައިފި
 
                                                    މިއަހަރުގެ ރައްޔިތުންގެ މަޖްލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި، ރިޔާސީ ބަޔާން އިއްވެވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ރައްޔިތުންގެ މަޖިލީހުގެ ޗެމްބަރުން ނިކުމެ ވަޑައިގަތް ވަގުތު އިދިކޮޅު މެންބަރުން އިހުތިޖާޖު ކުރައްވައިފިއެވެ.
އެގޮތުން މިއަދުގެ މަޖިލީހުގެ ޖަލްސާ ރައީސް ސޯލިހާއި މަޖިލީސް ރައީސް، ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ޗެމްބަރުން ނިކުމެވަޑައިގެން މަޖިލީހުން ބޭރަށް ނިކުމެވަޑައިގަންނަވާ ދޮރު ކައިރިއަށް ވަަޑައިގެންނެވިއިރު އިދިކޮޅު މެންބަރުން ވަނީ ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލާ ބެނާ އެއް ހިއްޕަވައިގެން ތިބެ އިހުތިޖާޖު ކުރައްވާފައެވެ.
ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލާ ތައްޔާރުކޮށްފައިވާ މި ދިގު ބެނާ ހިއްޕަވައިގެންތިބީ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދާއި، ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފާއި ފުލިދޫ ދާއިރާގެ މެމްބަރު ފަޒުލް ރަޝީދެވެ.
ރައީސް ވަނީ އިދިކޮޅު މެންބަރުންގެ ވާހަކަތައް އަޑުއައްސަވައި، އެ މެންބަރުންނާ ކޮންމެވެސް ވަރަކަށް ވާހަކަ ވެސް ދައްކަވާފައެވެ.
 
   
  
  
            
                     
            
                     
            
                    
 
		
 
		
 
		
 
		
