އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ކިތަންމެ ނުތަނަވަސްކަމެއް އޮތް ނަމަވެސް މިއީ ނަމޫނާ ގުޅުމެއް!
އިންޑިއާ އާއި ޕާކިސްތާނު ފާހަގަ ވެފައި އޮންނަނީ އަބަދުވެސް ވަރަށް ހަމަނުޖެހުން ގިނަ އަދާވާތްތެރި ދެ ގައުމުގެ ގޮތުގައެވެ. ނަމަވެސް ދެގައުމުގެ ސަރުކާރުގެ މެދުގައި މިކަން އޮތް ނަމަވެސް ޘަގާފަތާއި އާދަކާދަތައް އެއްގޮތްވެފައި ކާބަފައިންގެ ގުޅުންތައް އެކުވުމާއެކު ދެގައުމުގެ ރައްޔިތުންގެ މެދުގައި ވެސް މާ ބޮޑު ހަމަ ނުޖެހުމެއް ނޯވެއެވެ.
ދާދި އިހަކަށް ދުވަހު ހިނގައިދިޔަ ހާދިސާއަކުން ވެސް މިކަން ވަނީ ސާބިތު ވެފައެވެ. އިންޑިއާގެ ރައްޔިތެއް ކަމަށްވާ ޓޮމިޗަން ޕުތުޕަރަންބިލް ތޯމަސް އަކީ ޔޫއޭއީގައި ދިރިއުޅެމުންދާ މީހެކެވެ. އޭނާ އެތަނުގައި ވަޒަންވެރިވެގެން ދިރިއުޅޭތާ މިހާރު 8 އަހަރު ވެއްޖެއެވެެ، އަދި މި 8 އަހަރު ތެރޭގައި އޭނާއަށް ވަނީ ޔޫއޭއީގައި ދިރިއުޅޭ ޕާކިސްތާނުގެ މީހެއްގެ ފަރާތުން އެހީތެރިިކަން ލިބިފައެވެ. މުހައްމަދު އަސަދު ނަމަކަށް ކިޔާ މި މީހާ އަކިީ ޓޮމިޗަންގެ ރޫމް މޭޓެކެވެ.
ޓޮމިޗަން އަށް މީގެ ގިނަ ދުވަސްތަކެއް ކުރިން ޖެހުނު ސްޓްރޯކެއްގައި ވަނީ އޭނާގެ މުޅި ހަށިގަނޑުން ވާގި ގޮސް، އޭނާގެ ލޮލުގެ ފެނުން ވެސް ގެއްލިފައެވެ. އެހެން ކަމުން އޭނާއަށް ވަރަށް ގިނަ ކަންކަން އަމިއްލަ އަށް ނުކުރެވެއެވެ. މި ހުރިހާ ކަމެއްގައި ވެސް އޭނާއަށް އެހީތެރިކަން ލިބުނީ އަސަދުގެ ފަރާތުންނެވެ.
ޓޮމިޗަން ބުނާ ގޮތުގައި އަސަދު ވަނީ އޭނާއަށް ދުވަހަކު ވެސް އަގު އަދާ ނުކުރެވޭނެ ފަދަ ގިނަގުނަ އެހީތެރިކަން އޭނާއަށް ފޯރުކޮށްދީފައެވެ. އެގޮތުން ފާއިތުވެ ދިޔަ 18 މަސް ދުވަހުގެ ތެރޭގައި އަސަދު ވަނީ ޓޮމިޗަންގެ ބެލެހެއްޓުންތެރިއެއްގެ ރޯލު އަދާ ކޮށްފައެވެ.
2016 ވަނަ އަހަރު ނިޔާވި އަސަދުގެ ބައްޕަގެ ހަނދާންތައް އައު ކުރަމުން އޭނާ ބުނީ، ބައްޕަ އަބަދުވެސް އެހެން މީހުންނަށް އެހީތެރިވާން ނަސޭހަތްތެރިވާ ކަމަށެވެ. އަދި އެއީ ކޮންމެހެން ވެސް އިންސާނެއްގެ ގައިގައި ހުންނަން ޖެހޭ ސިފައެއް ކަމަށާއި ކޮންމެ މީހަކަށް ވެސް އެހީތެރިވާން ޖެހޭނެ ކަން އޭނާގެ މައިންބަފައިން ދަސްކޮށްދީފައިވާ ކަމަށް ވެސް އޭނާ ބުނެއެެވެ.
އަސަދު އަކީ ޓްރެއިން އޮޕަރޭޓަރެއްގެ ގޮތުގައި ރޭގަނޑު ޝިފްޓު ޑިއުޓީއަަށް ދާން ޖެހޭ މީހެއް ނަމަވެސް އޭނާ އަބަދުވެސް ޓޮމިޗަންއަށް ބޭނުންވާ ކަންކަން އަމިއްލައަށް ކޮށްދެއެވެ. އަސަދު ބުނާ ގޮތުގައި ޓޮމިޗަން އަށް އެނބުރި ގައުމަަށް ދެވެންދެން އޭނާ ޓޮމިޗަންއަށް އަބަދުވެސް އެހީތެރިކަން ފޯރު ކޮށްދޭނެ ކަމަށެވެ.
ޓޮމިޗަން ބުނެފައިވާ ގޮތުގައި އޭނާއަށް ލޮލުގެ އަލިކަން ފެންނަ ގޮތް ވެއްޖެނަމަ ފުރަތަމަ ވެސް ދެކެން ބޭނުމީ އަސަދުގެ މޫނެވެ.
އަަސަދު އަކީ އަޅުގަނޑުމެން މުސްލިމުންނަށްވެ ތިބެ ނަމޫނާއެއްގެ ގޮތުގައި ބަލަން ރަނގަޅު މިސާލެކެވެ. އޭނާ ވަނީ މި ދީނުގައި އެކަކު އަނެކަކަށް އަޅާލަން ބާރު އަޅުއްވާފައިވާ މިންވަރު ސާބިތު ކޮށްދީ އެކަން އަމަލުން ދައްކާފައެެވެ.
މި ހާދިސާއިން ދައްކުވައިދިނީ ދެ ގައުމު ވަކި ކުުރުމަށް ބޯޑަރެއް އޮތް ނަމަވެސް މި ދެގައުމަކީ އެއްބަޔަކު އަނެއްބަޔަކަށް އަޅާލާ އޯގާތެރި ރައްޔިތުން ތަކެއް ދިރިއުޅޭ ދެ ގައުމު ކަމެވެ. އިންޑިއާގެ ބައެއް ހިންދޫން ޕާކިސްތާނުގެ ރައްޔިތުންނާ ކޮންމެވެސް ކަހަލަ ދެކޮޅުވެރިކަމެއް އޮތް ނަމަވެސް މިއީ މުޅި އިންޑިއާގެ ހާލަތެއް ނޫނެވެ.
އިންޑިއާގެ ގިނަ މީހުންނަކީ ދީނާއި ޘަގާފަތުގެ މައްޗަށް އިންސާނިއްޔަތުކަން އިސްކުރާ ރައްޔިތުން ތަކެކެވެ. މީގައި ހިންދޫންނެކޭ މުސްލިމުންނެކޭ އަދި ކްރިސްޓިއަނުންނެކޭ އެއްވެސް ތަފާތެއް ނެތެވެ. އަދި ހަމަ އެބީދައިން ޕާކިސްތާނުގެ ރައްޔިތުންނަކީ ވެސް ވަރަށް އޯގާތެރި އެކަކު އަނެކަކަށް އަޅާލާ އިންސާނިއްޔަތުކަން އިސްކުރާ ބައެކެވެ.