ހަމުގެ ކުލަ ކަޅުވެގެން ސްކޫލުގެ ޓީޗަރުން ވެސް އަހަރެން ބާކީކުރި، އެކަމާ އަދިވެސް ދެރަވޭ: ރެމޯ
ކާމިޔާބު މީހަކަށް ކުރިމަތިވި ކަންތައްތައް އަހަރުމެންނަށް އެނގޭއިރު، މުޖުތަމަޢުން އެމީހަކާ ދޭތެރޭ ކަންތައް ކޮށްފައި ހުންނަ ގޮތް ވެސް ހާމަ ވެގެން ދެއެވެ. ދިރިއުޅުމުގައި ކިތަންމެ ކާމިޔާބީއެއް ހާސިލު ވެފައިވީ ނަމަވެސް، ކޮންމެ މީހަކަށް ވެސް އެހިސާބަށް އައުމާ ދެމެދު ކަންތައްތަކަކާ ކުރިމަތިލާން ޖެހެއެވެ.
އެފަދަ އެކަކީ ބޮލީވުޑްގެ މަޝްހޫރު ކޮރިއޮގްރަފަރ އަދި ޑައިރެކްޓަރ ރެމޯ ޑިސޫޒާ އެވެ. ދާދި ފަހުން އޭނާ ދިން އިންޓަވިއު އެއްގައި ބުނީ، އޭނާއަށް އެންމެ ބޮޑަށް ކުރިމަތިލާން ޖެހުނު އެއް ކަމަކީ ހަމުގެ ކުލަ ކަޅުވެގެން މީހުން ކުރި ފުރައްސާރަ ކަމަށެވެ.
ރެމޯ ބުނި ގޮތުގައި އޭނާއަކީ ކަޅު މީހަކަށް ވެގެން އޭނާއާ ހަނގާ ކުރީ ހަމައެކަނި އިންޑިއާ މީހުން އެކަންޏެއް ނޫނެވެ. ދުނިޔޭގެ އެހެން ބައެއް ޤައުމުތަކުގެ މީހުން ވެސް ރެމޯއާ ދިމާކޮށްފައި ވެއެވެ.
މީހުންގެ އެފަދަ ފުރައްސާރަތަކުގެ ސަބަބުން ކާމިޔާބު މީހަކަށް ވާން އިތުރު ހިތްވަރު ލިބުނު ކަމުގައި ވިޔަސް، އަމިއްލަ މީހާގެ ދިފާޢުގައި އޭރު ނުތެދުވެވުނީތީ ދެރަވާ ކަމަށް ވެސް ރެމޯ ބުންޏެވެ.
"އެންމެ ކުޑައިރުން ފެށިގެން ވެސް، ހަމުން ކަޅުވެގެން މީހުން ކުރި ފުރައްސާރަތަކާ ކުރިމަތިލާން ޖެހުނު. ސްކޫލްގައި ކިޔަވަން އުޅުނުއިރު ވެސް މީހުން އަހަރެން ބާކީކޮށް، މަލާމާތްކޮށް ހެދި. އެހެން ޤައުމުތަކަށް ދަތުރު ކުރީމަވެސް އެކަންކަމާ ކުރިމަތިވި. އަހަރެން އެކަންކަމާ އަޅާނުލާ ދޫކޮށްލިން. ހިތަށް އެރި ވެދާނޭ އެއީ އަހަރެން ހުންނަ ތަފާތު ގޮތަކުން ދިމާ ކުރަނީ ކަމަށް. އެކަމަކު ވަރަށް ދެރަވި ސްކޫލުގެ ޓީޗަރުން ވެސް އަހަރެންގެ ހަމުގެ ކުލައަށް ބަލާފަ އަހަރެން ބާކީ ކުރީމަ. އެކަން ހަނދާންވީމަ އަދިވެސް ދެރަވޭ" ރެމޯ ބުންޏެވެ.
ރެމޯ ބުނި ގޮތުގައި އޭނަގެ ހަމުގެ ކުލަ ކަޅުވެގެން ވަރަށް ގިނަ މީހުން އޭނާއާއި ދިމާލަށް ތަފާތު ނަންނަމުން ވެސް ގޮވިއެވެ. ބޮޑުވަމުން އައި ވަރަކަށް އެއީ ރަނގަޅު ކަމެއް ނޫން ކަމަށާއި މީހުން އެގޮތަށް ބުނާ އެއްޗެއްސަށް ހަނު ހުރުމަކީ ގޯހެއްކަން ފަހުން ވިސްނެން ފެށިކަމަށް ވެސް ރެމޯ ބުންޏެވެ.
"މިހާރު އަަހަރެން އެކަންކަމާއި ދެކޮޅަށް އަޑު އުފުލަން. މިހާރު އެގޮތަށް އަހަންނާ ދިމާކޮށްފިނަމަ އަހަރެންވެސް ރައްދު ދެން. އަހަރެންގެ ހަމުގެ ކުލައާ ބެހޭގޮތުން މީހުން ކުރި ފުރައްސާރައަކީ ކާމިޔާބުވާން މިއަދު އަހަންނަށް ލިބުނު ހިތްވަރު. އެކަމަކު ރޭސިޒަމް އަދިވެސް އަހަރުމެން ތެރޭގައިވޭ. އަހަރެން އެދެނީ އެކަން ތަޙައްމަލު ކުރަމުންދާ އެންމެން ވެސް އެކަމާދެކޮޅަށް އަޑުއުފުލާ އަމިއްލަ ނަފްސު ދިފާޢު ކުރަން" ރެމޯ ބުންޏެވެ.