މަޖިލިސް ކައިރީ ކުރި މުޒާހަރާ ރޫޅާލީ ރަނގަޅަކަށް ނޫން: އިމްރާން
"ނަވާނަވައި"އިން ރައްޔިތުންގެ މަޖިލިސް ކައިރީ ކުރި މުޒާހަރާ ފުލުހުން ރޫޅާލީ ރަނގަޅަށް ކަމަށް ގަބޫލުނުކުރާކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މަޖިލީހަށް މިއަދު މިނިސްޓަރު އިމްރާން ހާޒިރުވެވަޑައިގެންނެވިއިރު، މިނިސްޓަރަށް ސުވާލު ކުރުމަށް ހަމަޖެހިފައިވާ ވަގުތުގެ ތެރޭގައި މަޖިލީހުގެ ބައެއް މެމްބަރުން ވަނީ ހޯމަ ދުވަހުގެ އެ މުޒާހަރާ ރޫޅާލުމުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތާ ގުޅޭ ގޮތުން ސުވާލު ކުރައްވައިފަ އެވެ.
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ މުޒާހަރާ ރޫޅާލުމުގައި ކަން ކުރެވިފައިވާ ގޮތް އެއީ އެންމެ ރަނގަޅު ގޮތެއް ކަމުގައި ނުދެކޭ ކަމަށާއި އެކަން ބަދަލުކުރަން ބޭނުންވާކަން ދަންނަވާފައިިވާނެ ކަމަށެވެ.
"މުޒާހަރާ ރޫޅާލުމުގައި އަމަލު ކުރީ އެންމެ ރަނގަޅު ގޮތް ކަމަށް ނުދެކެން. އަޅުގަނޑު އެދެން އެ ކަންކަން ރަނގަޅު ވެގެން ދިއުމަށް." މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.
މުޒާހަރާ ރޫޅާލުމުގައި ހަރަކާތްތެރިވި ފުލުހުންގެ ނޭމް ޓެގްތައް ފުލުހުންގެ ޔުނީފޯމުގައިި ނެތީ ކީއްވެތޯ ވެސް ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވަނީ މިނިސްޓަރާ ސުވާލުކުރައްވައިފަ އެވެ.
އެކަމަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ މުޒާހަރާތައް ކޮންޓްރޯލް ކުރަން ނެރޭ ފުލުހުންގެ އައިޑެންޓިޓީ އެނގޭ ގޮތަށް ތިބުން މުހިއްމު ކަމަށެވެ. މިހާރު ހުށަހެޅިފައިވާ ފުލުހުންގެ ބިލާއެކު ހައްލުތަކެއް އަންނާނެ ކަމަށެވެ.
ހޯމަ ދުވަހު ނަވާނަވައިން މަޖިލިސް ދޮށުގައި މުޒާހަރާ ފެށުމާއެކު ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިން ދުރަށް ޖައްސައިފަ އެވެ. މަދު ބަޔަކާ އެކު ކުރިއަށް ގެންދިޔަ މުޒާހަރާ ރޫޅާލުމަށް ގިނަ އަދަދެއްގެ ފުލުހުން ބައިވެރިވި އިރު، މުޒާހަރާގެ ބައިވެރިން ދަމާފައި ދުރުކުރި މަންޒަރުވެސް ފެނިގެން ދިޔަ އެވެ.