މިފަހަރު ކައިވެނި ކުރީ ކަނޑުގެ ހަ ފޫޓު އަޑީގައި

ކައިވެންޏަށް ޓަކައި ކޮންމެ މީހަކު ވެސް ފޮނި ހުވަފެންތަކެއް ދެކޭނެކަން ގައިމެވެ. އެއީ ދިރިއުޅުމުގައި އަންނާނޭ އެންމެ އުފާވެރި އެއް ދުވަސްކަން ޔަގީނެވެ. އެހެންކަމުން ގިނަ މީހުން ކައިވެނީގެ ރަސްމިއްޔާތު ހަނދާނުން ފޮހެވިގެން ނުދާނެ ފަދަ ތަފާތު ގޮތަކަަށް ބާއްވަން އަބަދުވެސް މަސައްކަތް ކުރެއެވެ. އެތައް މިލިއަން ރުފިޔާ ހަރަދު ކޮށްގެން ނަމަވެސް ކައިވެންޏަށް ދެކޭ ހުވަފެން ހަގީގަތަކަށް ހެދުމަށް މަސައްކަތް ކުރެއެވެ.
މިއީ ވެސް މިފަދަ ތަފާތު ކައިވެންޏެކެވެ. މި ދެ ލޯބިވެރިންގެ ކައިވެނީގެ ގޮށް ޖެހިގެން ދިޔައީ ކަނޑުގެ 6 ފޫޓް އަޑިންނެވެ. އިންޑިއާގެ ޗެންނާއީއަށް ނިސްބަތްވާ މި ދެމީހުން ގެ ކައިވެނި މިދިޔަ ހަފުތާގެ ހޯމަ ދުވަހު ކުރެވުނު އިރު މިއީ އިންޑިޔާގައި ފުރަތަމަ ފަހަރަށް ކުރި ކަނޑުއަޑީގެ ކައިވެންޏެވެ.
ކައިވެނި ކުރެވުނު ދެމީހުން ކަމަށްވާ ޗިންނަދުރާއި ސްވެތާ އަކީ ސޮފްޓްވެއަރ އިންޖިނިއަރުންނެވެ. އަދި ޗިންނަދުރާގެ އަތުގައި ސްކޫބާ ޑައިވިން ލައިސެންސް އޮތް އިރު ސްވެތާ އައީ މިދިއަ މަހުން ފެށިގެން ޑައިވް ކުރުމަށް ދަސްކުރަމުންނެވެ.
ކަނޑުއަޑީގެ ކައިވެނި ކުރެވުނު ނަމަވެސް ކައިވެނީގައި ދެމީހުން ވެސް ބޭނުން ކޮށްފައި ވަނީ އިންޑިޔާގެ ސަޤާފީ ހެދުމެވެ.
މި ކައިވެނި ވެފައި ވަނީ ގިނަ ބައެއްގެ ސަމާލުކަން ހޯދި ކައިވެންޏަކަށެވެ.