ކޮވިޑް-19 ވެކްސިން ޖެހިތާ 25 މިނެޓް ނުވަނީސް 70 އަހަރުގެ މީހަކު މަރުވެއްޖެ
އެމެރިކާގެ ނިއުޔޯކްގައި އުމުރުން 70 އަހަރުގެ މީހަކު ކޮވިޑް-19 ވެކްސިން ޖެހިތާ 25 މިނެޓް ނުވަނީސް މަރުވެއްޖެއެވެ.
އެމެރިކާގެ ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މިމީހާ މަރުވެފައި ވަނީ ވެކްސިން ޖެހުމަށްފަހު ގެއަށް ދިއުމުގެ މަގުމަތީގައި ކަމަށެވެ. އަދި ވެކްސިން ޖެހުމަށްފަހު އެމެރިކާގައި ވެކްސިން ސެންޓަރުގައި 15 މިނެޓް މަޑު ކުރަން ޖެހޭ ކަމަށާއި މި 15 މިނެޓް ވަންދެން ސެންޓަރުގައި މިމީހާ ހުރި ކަމަށް ނޫސްތަކުން ރިޕޯޓްކުރެއެވެ. އަދި މިމީހާ މަރުވެފައި ވަނީ ވެކްސިން ސެންޓަރުން ނިކުމެ ތަންކޮޅަކަށް ދިޔަތަނާ ހޭނެތިގެން ވެއްޓުމުން، ފަރުވާއަށް ހޮސްޕިޓަލަށް ގެންދިޔަތާ ކުޑަ އިރުކޮޅެއްގެ ތެރޭގައެވެ.
ނިއު ޔޯކް ސްޓޭޓް ހެލްތް ކޮމިޝަނުން މިފަދަ ކަމެއް ހިނގައިގެން އުޅޭކަން ހާމަކޮށްފައިވާއިރު، ވެކްސިން ޖެހިތާ ކުޑައިރުކޮޅެއްގެ ތެރޭގައި މަރުވެފައި ވަނީ ކާކު ކަމެއް، ނުވަތަ އެމީހާ ޖަހާފައި ވަނީ ކޮން ވެކްސިނެއް ކަމެއް ހާމަ ކޮށްފައެއް ނުވެއެވެ.
އެފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިކަން ހިނގާ ދިޔަގޮތް މިހާރު ތަޙްޤީޤް ކުރެވެމުން އަންނަ ކަމަށާއި އަދި މިހާތަނަށް ހޯދި ހޯދުންތަކުން މިއީ ވެކްސިންގެ ސަބަބުން ދިމާވި އެލާޖިކް ރިއެކްޝަނެއް ނޫންކަން ހާމަވާ ކަމަށެވެ.
އެމެރިކާގައި މިހާތަނަށް 42 މިލިޔަން މީހުންނަށް ކޮވިޑް-19 ވެކްސިން ޖަހާފައި ވެއެވެ.