ފްލެޓްތައް ލިބިފައިވާ އެންމެން އިހުތިޖާޖަށް ނިކުންނަން މުއިއްޒު ގޮވާލައްވައިފި
"ހިޔާ މަޝްރޫއު" ގެ ފްލެޓްތައް ލިބިފައިވާ އެންމެން އިހުތިޖާޖަށް ނިކުތުމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު ގޮވާލައިފިއެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަމުން އަންނަ 7،000 ފްލެޓު ހަވާލު ނުކުރެވި މި ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، ރައީސް އިބްރާހިިމް މުހައްމަދު ސޯލިހް އިއްޔެ ވަނީ އެ ތަންތަނުގެ ޖާގަ ކުޑަ ކަމަށާއި އެއީ ގިނަ ބަޔަކަށް ނޫޅެވޭނެެ ވިދާޅުވެ، އެ މަޝްރޫއަށް ފާޑު ވިދާޅުވެފަ އެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއިއްޒު ވިދާޅުވީ ފްލެޓުތަކުގައި ނުނިމި ހުރި ހުރިހާ ކަމެއް ކުރަން މިދިޔަ ސަރުކާރު ބަދަލުވިއިރު ފައިސާ ހުރީ ހަމަޖެހިފައި ކަމަށާއި މި ސަރުކާރަށް ދެ އަހަރު ވީއިރު އެ ކަންކަން ނުކޮށް ތިބީ ކީއްވެގެންކަން ރައްޔިތުން ވިސްނަންޖެހޭ ކަމަށެވެ.
އަދި ހިޔާ ފްލެޓުތަކުގެ ސައިޒު ކުޑަ ކަމަށް ބުނެ ދައްކާ ވާހަކަތަކާ ގުޅިގެން މުއިއްޒު ވިދާޅުވީ މި ފްލެޓުތަކަކީ މިހާރުވެސް ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި އަޅާފައިވާ ފްލެޓުތަކާއި އެއް މިންގަނޑެއްގައި ހުރި ފްލެޓުތަކެއް ކަމަށާއި ރައްޔިތުންނާއި ގުޅިފައި ހުރި އަސާސީ ކަމެއްގައި އޮޅުވާލައި ނިކަމެތިކަން ކުރިމަތި ކުރުވާތީ ހިތާމަކުރާ ކަމަށެވެ.
"މި ފްލެޓުތަކުގައި 572 އަކަފޫޓު އިންނާނެ، ދެ ކޮޓަރި އާއި ދެ ފާހާނާ އާއި ސިޓިންރޫމާއި ބަދިގެއާ އެކު. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އަޅަން ފަށާފައި، ވަހީދުގެ ސަރުކާރުގައި ހަވާލު ކުރެވުނު 1،000 ފްލެޓުތަކެއް ހުންނާނެ. އެ ތަންތަނުގެ ސައިޒު ނިސްބަތުން ކުޑަވާނެ މި ތަންތަނަށް ވުރެ ވެެސް." އޭނާ ވިދާޅުވި އެވެ.
މި ފްލެޓުތަކަށް 30،000 ރައްޔިތުން ދާނެކަން ފާހަގަކުރައްވަމުން މުއިއްޒު ވަނީ ފްލެޓުތައް ދިނުން ލަސްކުރުމަށްފަހު ދޮރާއި ޓައިލްސް ނުޖަހައި ފްލެޓުތައް ދޭން އުޅެނީ ކޮންމެ ބޭނުމެއްގައިކަން އެނގިވަޑައިނުގަންނަވާ ކަމަށާއި މިފަދަ ޖެއްސުން ރައްޔިތުން ބަލައިނުގަންނާނެ ކަމަށްވެސް ވިދާޅުވެފައެވެ.
"ހަގީގަތުގައި މިހާރު ކަންތައްތައް ގޮސްފައިވާ ހިސާބަކީ މި ފްލެޓުތައް ލިބިފައިވާ ހުރިހާ ރައްޔިތުން އެކުގައި އިހުތިޖާޖް ކުރަން ނިކުންނަންޖެހޭ ހިސާބަށް މިއަދު މިއޮތީ ގޮސްފައި. އެބަޖެހޭ ނިކުންނަން މިހާރު، ނިކުމެ ރައްޔިތުންގެ އަޑު މި ސަރުކާރަށް އިއްވައި، ރައްޔިތުންގެ ހައްގު ހޯދަން މިހާރު އެބަޖެހޭ އަތުކުރި އޮޅާލައިގެން ނިކުންނަން" މުއިއްޒު ވިދާޅުވިއެވެ.
އަދި އިހުތިޖާޖަށް ނިކުމެގެން ނޫން ގޮތަކަށް މި ސަރުކާރުން ރައްޔިތުންނަށް ކަމެއްކޮށްދޭނެ ކަމަކަށް ނުބެލެވޭ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.