ސިޔާސީ ހަރަކާތުގައި ވަހީދު އިދިކޮޅާއެކު މަސައްކަތް ކުރަން ނިންމެވުމުން ނަޝީދު ބިރުގަނެފި: އަދުރޭ
ސިޔާސީ ހަރަކާތުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީއާ ގުޅިގެން ކުރީގެ ރައީސް މުހައްމަދު ވަހީދު މަސައްކަތް ކުރަން ނިންމެވުމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަރަށް ބޮޑަށް ބިރުގެންފި ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިއަދު ވިދާޅުވީ، އެ މަނިކުފާނުގެ ވެރިކަން ނިމުމަކަށް ގެނައީ ތެލުގެ ވިޔަފާރިއާ ގުޅޭ ރިޕޯޓު ނެރެން އޮތް ދުވަހު ކަމަށާއި އަދި އެކަން ތަހުގީގުކުރި ބޭރުގެ ކުންފުންޏަށް 10 މިލިއަން ޑޮލަރު ދައުލަތުން ދޭން ޖެހުނީ އެ ތަހުގީގު ހުއްޓާލުމުގެ ސަބަބުން ކަމަށެވެ.
އިދިކޮޅުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަޝީދުގެ މި ވާހަކައަށް ރައްދު ދެއްވައި އަދުރޭ ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީންއާ ގުޅުވައި ދެކެވޭ 800 މިލިއަން ޑޮލަރުގެ ވަގު ވިޔަފާރީގެ ވާހަކައަކީ އެމްޑީޕީން އުފަން ކުރުވައިގެން އުޅޭ ވާހަކައެއް ކަމަށާއި އެއީ އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކަތަކެއް ނޫން ކަމަށެވެ.
މިހާރު އަނެއްކާ ވެސް އެ މައްސަލައިގެ ވާހަކަ ދައްކަނީ ޕީޕީއެމްގެ ސިޔާސީ މަސައްކަތްތަކާ ވަހީދު ގުޅިވަޑައިގަތުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިހާރު ތިވެގެން އުޅޭ ގޮތަކީ ޑރ.ވަހީދު ޕީޕީއެމްގެ އިސް ސަފުގައި މަސައްކަތް ކުރައްވަން، ރައީސް ޔާމީން މިނިވަން ކުރުމަށް ކުރަމުންދާ މަސައްކަތުގައި ބައިވެރިވެ އަދި ސިޔާސީ ގޮތުން އަޅުގަނޑުމެންނާ އެއްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވަން ނިންމި ނިންމުމާ ގުޅިގެން އެއްގޮތަކަށް ނިދި ނައިސްގެން ތި އުޅެނީ. ވަރަށް ބޮޑަށް ބިރުގެންފި ވަހީދު ދެކެ" އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ އެ 800 މިލިއަން ޑޮލަރުގެ ވާހަކަ ކިތަންމެ ވަރަކަށް އިދިކޮޅުން ކުރަމުން އަންނަ މަސައްކަތް ހުއްޓައެއް ނުލާނެ ކަމަށެވެ.