ވިޔަފާރި

ރައްކާތެރިކަމާއެކު އިންޓަނެޓް ބޭނުން ކުރުމަށް ދިރާގުން ހަނދާން ކޮށްދީފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

"ސޭފަރ އިންޓަރނެޓް ޑޭ" ނުވަތަ ރައްކާތެރިގޮތުގައި އިންޓަނެޓް ބޭނުންކުރުމާ ގުޅޭ ދުވަސް ފާހަގަކުރުމުގެ ގޮތުން، އިންޓަނެޓް ބޭނުން ކުރުމުގައި އަބަދުމެ ސަމާލުވެ ތިބުމަށް ދިރާގުން ކަސްޓަމަރުންނަށް ހަނދާންކޮށްދީފިއެވެ.

Ads by MWSC

އިންޓަނެޓް ބޭނުން ކުރާ ޑިވައިސްތައް ދުވަހެއް ދުވަހަކަށް އިތުރު ވަމުން ދިޔުމާ ގުޅިގެން، ތިމާ އާއި އާއިލާ އިންޓަނެޓް ބޭނުން ކުރުމުގައި ސަމާލުވުމަކީ މުހިންމު ކަމެއްކަމުގައި ދިރާގުން ވަނީ ބުނެފައެވެ.

ސަބަބަކީ ކުރިއަށްވުރެ ވެސް ބޮޑަށް މިހާރު ކުޑަކުދިންނާއި ފުރާވަރު އުމުރުގެ ކުދިން ކިޔެވުމާއި މުނިފޫހި ފިލުވުމަށް ވެސް އިންޓަނެޓްގެ އެކި އެކި ވަސީލަތްތައް ބޭނުން ކުރުން ކަމުގައި އެކުންފުނިން ބުންޏެވެ.

ރާއްޖޭގައި އެންމެ ޒަމާންވީ މުއާސަލާތީ ޚިދުމަތްދޭ ކުންފުނި ކަމަށްވާ ދިރާގުން ބުނީ ސައިބަރ ބުލީންނާއި، ކުދިންނާއި ނުގުޅޭ މަންޒަރާއި އަޑު ހުންނަ ކަހަލަ ކޮންޓެންޓް، އޮންލައިން ކޮށް ކުރާ ޖިންސީ ގޯނާ އަދި އައިޑެންޓިޓީ ތެފްޓް ފަދަ ކަންތައްތަކަކީ އިންޓަނެޓް ބޭނުން ކުރުމުގައި ކުރިމަތިވެދާނެ ނޭދެވޭ ކަންތައްތައް ކަމަށެވެ. އެހެންކަމުން ކުދިންނަށް އޮންލައިން ސޭފްޓީ ނުވަތަ ރައްކާތެރިކަމާއި، ސްކްރީންޓައިމް އަށް ވަކި އުސޫލުތަކެއް ކަނޑައެޅުން ފަދަ ކަންތައްތަކަކީ މި ޒަމާނުގައި ދަރިންނަށް މައިންބަފައިން ކިޔައިދޭންވާނޭ މުހިންމު ކަންތައްކަން ވެސް ފާހަގަ ކޮށްފައިވެއެވެ.

މީގެއިތުރުން ކޮންމެ އުމުރެއްގެ މީހެއް ވިޔަސް، ބޭންކިންގް މައުލޫމާތު ފަދަ "ސެންސިޓިވް" މައުލޫމާތު ހިއްސާ ކުރުމުގައި އިތުރަށް ސަމާލުވުމަކީ ވެސް މުހިންމު ކަމެއްކަން ދިރާގުން ފާހަގަ ކޮށްފައިވެއެވެ. އެހެނީ ވިޔަފާރި ކުރުމަށާއި، ފައިސާގެ ގިނަ މުއާމަލާތްތައް ކުރުމަށް އިންޓަނެޓްގެ ބޭނުން އިތުރު ވެފައި ވުމުން ސައިބަރ ތެފްޓް ފަދަ ނޭދެވޭ ކަންކަމަށް އިތުރަށް މަގުފަހިވެގެން ދާތީއެވެ.

މީގެ އިތުރުން ސައްހަ ނޫންހެން ހީވާ ފަދަ ވެބްސައިޓްތަކުގައި އަދި މީސް މީޑިއާގައި އެފަދަ މައުލޫމާތު ހިއްސާ ނުކުރުމަކީ އެދެވިގެންވާ ކަމެއް ކަމުގައި ދިރާގުން ބުނެފައިވެއެވެ.

އެއް ޕާސްވޯޑެއް ހުރިހާ އޮންލައިން އެކައުންޓްތަކުގައި ބޭނުންކުރުމަކީ ވަރަށް ގިނަ މީހުންގެ އާދައެއްކަން ފާހަގަކޮށް ދިރާގުން ބުނީ މިއީ ވަރަށް ވެސް ނުރައްކާތެރި އާދައެއް ކަމުގައެވެ. ސަބަބަކީ ހެކަރަކަށް އެއް އެކައުންޓްގެ ޕާސްވޯޑް ދެނެގަނެވުނަސް އެމީހެއްގެ ހުރިހާ އެކައުންޓް ތަކަށް ވަދެވުމުގެ ފުރުސަތު ލިބިގެންދިޔުން ކަމުގައި ވެސް ބުނެފައިވެއެވެ. ހުރިހާ އެކައުންޓްތަކުގެ ޕާސްވޯޑް ހަދާންކުރުމަކީ އުނދަގޫ ކަމެއް ކަމުގައި ވިޔަސް ކޮންމެ އެކައުންޓެއްގެ ޕާސްވޯޑްގަައި ވެސް ކުޑަ ތަފާތެއް ގެނެސް، "ސްޓްރޯންގް ޕާސްވޯޑެއް" ދެމެހެއްޓުމަކީ މުހިންމު ކަމެއްކަން ދިރާގުން ހަނދާން ކޮށްދީފައި ވެއެވެ.

ހަމައެހެންމެ ބޭރުގައި އުޅޭ ވަގުތުތަކުގައި ޕަބްލިކް ވައިފައި ނެޓްވޯކްތައް ބޭނުން ކުރުމަކީ އާންމުކަމަކަށް ވެފައިވީހިނދު، މިފަދަ ނެޓްވޯކްތައް ބޭނުން ކުރުމުގައި ވެސް ސަމާލުވެ، ބޭންކް މައުލޫމާތު ފަދަ ސެންސިޓިވް ޑޭޓާ ހިއްސާ ކުރުމުގައި އިތުރަށް ސަމާލުވާން ޖެހޭކަން ވެސް ދިރާގުން ފާހަގަ ކޮށްފައި ވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!