އެއްޖިންސުން ގުޅުން ހިންގާކަމުގެ ތުޙުމަތުގައި މަކުނުދޫއިން ފިރިހެނަކު ހައްޔަރުކޮށްފި
އެއްޖިންސުން ގުޅުން ހިންގާކަމުގެ ތުހުމަތުގައި ހދ. މަކުނުދޫއިން ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންނާ ހަވާލާދީ "ތިލަދުން" ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މަކުނުދޫގައި ބަޔަކު އެއް ޖިންސުން ގުޅުން ހިންގާ ކަމަށް ބުނެ މައްސަލައެއް އިއްޔެ ހަވީރު 18:00 އެހައިކަން ހާއިރު ފުލުހުންނަށް ހުށައެޅިފައިވާ ކަމަށާއި މި މައްސަލަ އާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށެވެ.
އަދި މި މައްސަލައިގައި ތުހުމަތު ކުރެވޭ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން މިއަދު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންނާ ހަވާލާދީ އެ ނޫހުގައި ބުނެފައިވެއެވެ.
މަކުނުދޫގައި އެއްޖިންސުން ގުޅުން ހިނގާބަޔަކު އުޅޭތީ އެ ރަށުގެ ރައްޔިތުން ވަނީ އިއްޔެ މުޒާހަރާ ކޮށްފައެވެ. އެރަށުގައި މުޒާހަރާ ކުރަން ފަށާފައިވަނީ އިއްޔެ ހަވީރު 4 ފެށިގެންކަމަށް އެރަށުން ވާހަކަދެއްކި މީހަކު ބުނެފައިވެއެވެ. އެފަރާތްތަކުން މުޒާހަރާ ކޮށްފައި ވަނީ އެއްޖިންސުން ގުޅުން ހިންގާކަމަށް ތުހުމަތު ކުރެވޭ 3 ގެއެއްގެ ކައިރީގައެވެ.