އަލީ ވަހީދު ފުރުވާލީ ސަރުކާރުން ރާވައިގެން ކަމަށް ޝިޔާމް ތުހުމަތު ކުރައްވައިފި
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެއިން ފުރާވަޑައިގެންނެވީ ސަރުކާރުގެ ރޭވުމެއްގެ ތެރެއިން ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ތުހުމަތު ކުރައްވައިފިއެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޝިޔާމް ވިދާޅުވީ ޖިންސީ ފުރައްސާރަ ކުރާ މީހުންގެ ޕާސްޕޯޓު ހިފެހެއްޓޭތަން ނުފެންނަ ކަމަށެވެ. އަދި ޖިންސީ ފުރައްސާކުރާ ދިވެހި ދައުލަތުގެ ވަޒީރުކަން ކުރައްވާފައިވާ ބޭފުޅުން ރާއްޖެއިން ބޭރަށް ފުރަނީ ރައްޔިތުންނަށް ނޭނގޭނެ ކަމަށް ހީކޮށް ކަމަށް ޝިޔާމް ވިދާޅުވިއެވެ.
“ޖިންސީ ފުރައްސާކުރާ ދިވެހި ދައުލަތުގެ ވަޒީރުކަން ކުރައްވާފައިވާ ބޭފުޅުން އެދަނީ ފުރަފުރައިގެން ހިތުން ރައްޔިތުންނަށް ނޭނގޭނެ ކަމަށް. ޖިންސީ ފުރައްސާރަ ކުރާ މީހުން މިތިބެނީ ރާއްޖޭގެ އެންމެ މަތީ އޮފީހުގައި" ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމް މިހެން ވިދާޅުވެފައި ވަނީ ޖިންސީ ކުށުގެ ހަތް ދައުވާއަކާ ގުޅިގެން ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމުން ވަކި ކުރި، އަލީ ވަހީދު ރާއްޖެ ދޫކޮށް ރޭ ފުރައިފައި ވަނިކޮށެވެ.
ޖިންސީ ކުށުގެ ދަޢުވާގެ ސަބަބުން މީގެ ކުރިން އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމަށް ކުރި އަމުރު ޝަރީޢަތުގައި ވަނީ މުރާޖަޢާ ކޮށްފައެވެ. އެ އަމުރު މުރާޖަޢާ ކޮށްފައި ވަނީ ޝަރީއަތުގެ މަޖިލީހަށް އަލީ ވަހީދުގެ ޑޮކްޓަރަކު ހާޒިރުކޮށް، އެ ޑޮކްޓަރު އަލީ ވަހީދުގެ މައިބަދައިގެ ޑިސްކްތަކެއް ގުޑާފައިވާ ކަމަށް ބުނުމާ ގުޅިގެންނެވެ.
އަލި ވަހީދުގެ މައްޗަށް ދައުލަތުން އުފުލީ ޖިންސީ ކުށުގެ ހަތް ދައުވާއެކެވެ. އެއީ ޖިންސީ ކުށުގެ ޤާނޫނުގެ 16 ވަނަ މާއްދާގެ ދަށުން ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދަޢުވާ އާއި 15 ވަނަ މާއްދާގެ ދަށުން ރޭޕްކުރަން އުޅުމުގެ ކުށުގެ ދަޢުވާ އާއި 18 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާ އާއި 19 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދަޢުވާ އެވެ.