ނަށަމުން ޓިކްޓޮކްގައި މަގުބޫލުކަން ހޯދި ސިޔާ އަމިއްލައަށް މަރުވެއްޖެ!
ބޮލީވުޑްގެ ފިލްމީތަރި ސުޝާންތުގެ މަރަށްފަހު އަނެއްކާވެސް އިންޑިއާގެ މުނިފޫހިފިލުވުމުގެ ދާއިރާއިން މީހަކު މިވަނީ މަރުވެފައެވެ.
ކުޑަ ސްކްރީނު "ޓިކްޓޮކް" ގައި ނެށުމުގެ ރީތި ވީޑިއޯތަކެއް ދައްކާދީފައިވާ ސިޔާ ކައްކަރު (16އ.) އަމިއްލައަށް މަރުވެފައި އޮއްވާ ފެނުނީ މިރޭ، އީސްޓް ނިއު ދިއްލީގައި އޭނާ ދިރިއުޅޭ އަމިއްލަ ގެއިންނެވެ.
މަރުވުމުގެ ގަޑިއިރުތަކެއް ކުރިން ސިޔާވަނީ އިމާރާތެއްގެ މަތީގައި ހުރެ ވީޑިއޯއެއް ކުޅެ، ޓިކްޓޮކަށް ލާފައެވެ. އެވީޑިއޯގައި އޭނާގެ މޫނުމަތިން ފެންނަނީ ހިނިތުންވުންކަން އިންޑިއާގެ ނޫސްތަކުގައި ބުނެފައިވެއެވެ.
ސިޔާގެ އާއިލާއިން ބުނި ގޮތުގައި މިފަހަކަށް އައިސް ސިޔާއަށް ވަނީ އިންޓަނެޓު މެދުވެރިކޮށް އިންޒާރުތަކެއް ލިބިފައެވެ. ނަމަވެސް އެއީ ކޮންކަމަކާއި ގުޅިގެން އައި ކޮން އިންޒާރުތަކެއްކަން ހާމަ ކޮށްފައެއް ނުވެއެވެ.
ފުލުހުން ބުނި ގޮތުގައި ސިޔާ މަރުވީ ކޮން ސަބަބަކާއި ހެދިކަން އަދި ސީދާ ބުނަން ދައްޗެވެ.
ސިޔާގެ މެނޭޖަރ އަރުޖުން ސާރިން ބުނީ އިއްޔެވެސް ސިޔާ އޭނާއާއި ވާހަކަ ދެއްކި ކަމަށާއި އެއްވެސް ކަމަކާއި ފިކުރު ބޮޑުވެފައި ހުރިކަމުގެ ނިޝާނެއް ފެނިފައި ނުވާ ކަމަށެވެ.
**
އަމިއްލަށް މަރުވުމާއި އެކަމަށް މަގު ފަހިވާނެ ކަންކަން ވެސް މާތްﷲ ވަނީ ޙަރާމް ކުރައްވާފައެވެ. ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އުއްމަތަށް އިރުޝާދު ދެއްވާފައިވަނީ ، މި ޙަޔާތާ ވަކިވެގެންދާ ގޮތަކީ އަމިއްލައަށް މަރުވުން ކަމަށް ކުޑަމިނުން އުންމީދުވެސް ނުކުރުމަށެވެ.
މާތްﷲ ވަހީ ކުރައްވާފައިވެއެވެ.
يَا أَيُّهَا الَّذِينَ آمَنُوا لَا تَأْكُلُوا أَمْوَالَكُم بَيْنَكُم بِالْبَاطِلِ إِلَّا أَن تَكُونَ تِجَارَةً عَن تَرَاضٍ مِّنكُمْ ۚ وَلَا تَقْتُلُوا أَنفُسَكُمْ ۚ إِنَّ اللَّهَ كَانَ بِكُمْ رَحِيمًا
މާނައީ: އޭ إيمان ވެއްޖެ މީސްތަކުންނޭވެ! باطل ގޮތުގައި ތިޔަބައިމީހުންގެ މުދާތައް ތިޔަބައިމީހުންގެ މެދުގައި ނުކާށެވެ! އެހެނެއްކަމަކު، ތިޔަބައިމީހުންގެ ތެރެއިން ދެފަރާތުގެ ރުހުމުގެ މައްޗަށް އޮންނަ ވިޔަފާރިޔަކަށްވުން މެނުވީއެވެ. އަދި، ތިޔަބައިމީހުންގެ އަމިއްލަ نفس ތައް ތިޔަބައިމީހުން قتل ނުކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް رحيم ވަންތަ ރަސްކަލާނގެ ކަމުގައި اللَّه ވޮޑިގެންވެއެވެ.