ޚަބަރު

ޢަލީ ވަހީދުގެ މައްސަލައިގައި ދޮގު ޚަބަރު ނުފަތުރާ: ޕީޖީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ހިފެހެއްޓުމަށްފަހު ކޯޓުން އެ އަމުރު ބާތިލުކޮށް އަލުން ޕާސްޕޯޓް ހަވާލުކުރި މައްސަލައިގައި ސައްހަ ނޫން މައުލޫމާތު ނުފެތުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް އެދިވަޑަައިގެންފި އެވެ.

Ads by Sosun Fihaara

ޖިންސީ އަނިޔާކުރުމާއި ރޭޕްކުރަން އުޅުމުގެ ތުހުމަތުގައި އަލީ ވަހީދު ފުރުން މަނާކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލު ކޮށްފައިވާ ކަަމަށް ފެންނަ ކޯޓު އަމުރެއް މީސްމީޑިއާގައި ދަނީ ދައުރުވަމުންނެވެ.

އެކަމާ ގުޅިގެން ޕީޖީ ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ މައްސަލައިގައި އެންމެ ފަހުން ނެރުނު ކޯޓު އަމުރާ ގުޅޭ ސައްހަ ނޫން ގިނަ މައުލޫމާތުތަކެއް މީސްމީޑިއާގައި ދައުރުވަމުންދާ ކަމަށެވެ.

"އެކަމާއި ގުޅޭގޮތުން ކަމުގެ ޙަޤީޤަތް ބަޔާންކޮށް މާދަމާ ހެނދުނު ނޫސް ބަޔާނެއް ނެރޭނަން. ސައްޙަ ނޫން މައުލޫމާތު ނުފެތުރުމަށް އަޅުގަނޑު އެދެން" ޕީޖީ ޝަމީމް ވިދާޅުވިއެވެ.

ދައުރުވަމުންދާ ކޯޓު އަމުރުގައި ބަޔާން ކޮށްފައި ވަނީ ބޭސް ފަރުވާއަށް އަލީ ވަހީދު ދާންޖެހޭކަން ކަށަވަރުކުރުމުގެ ގޮތުން ޑރ. ޔޫސުފް ޝާން ކޯޓަށް ހާޒިރުކޮށް އޭނަގެ ވާހަކަތައް އަޑު އެހުމަށް ފަހު އަދި ދައުލަތުގެ ފަރާތުން ވެސް އަލީ ވަހީދު ރާއްޖެއިން ބޭރަށް ދިޔުމަށް އިލްތިމާސް ކޮށްފައިވާ ކަމަށެވެ.

އަދި އަލީ ވަހީދު ފިލައިގެން ދިޔުމުގެ އިހްމާލް އޮތްކަމަށް ދައުލަތުން ބުނެފައިވާތީ ބޭރަށް ދާއިރު އަލީ ވަހީދުއާއެކު ޖާމިނު ވާނެ ފަރާތެއް ހުށަހަޅާފައިވާ ކަމަށާއި އެހެންކަމުން އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރައިގެން ނުދެވޭގޮތަށް ކޮށްފައިވާ އަމުރު ބާތިލް ކޮށްފައިވާ ކަމަށް އެ ކޯޓު އަމުރުގައި ވެއެެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!