ލާދީނީ ޖަމާއަތްތަކާއި ދެކޮޅަށް ހަރަކާތްތެރިވަނީ ހަރުކަށި ފިކުރުގެ މީހުން: ހިއުމަން ރައިޓްސް ވޮޗް
އެމްޑީއެން އާއި އުތެމަ ފަދަ ލާދީނީ ޖަމާއަތްތަކާއި ދެކޮޅަށް އަޑުއުފުލަނީ ހަރުކަށި ފިކުރު މީހުން ކަމަށް ބުނެ ހިއުމަން ރައިޓްސް ވޮޗް އިން ބަޔާނެއް ނެރެފިއެވެ.
ހިއުމަން ރައިޓްސް ވޮޗް އިން މި ޖަމިއްޔާތައް ދިފާއުކޮށް ބަޔާން ނެރެފައިވާއިރު އިސްލާމްދީނުގެ އަސްލުތަކަށް ގޮންޖަހައި، ރަސޫލާއަށް ފުރައްސާރަކޮށް އެމްޑީއެން އިން ނެރުނު ރިޕޯޓާއި ގުޅިގެން ، ދިވެހި ރައްޔިތުންގެ އެކަމާއި ނުރުހުން ފާޅުކޮށް މުޒާހަރާ ކުރުމުގެ ސަބަބުން ސަރުކާރަށް ޕްރެޝަރު ބޮޑުވެ ސަރުކާރުން ވަނީ އެމްޑީއެން ޖަމިއްޔާ އުވާލާފައެވެ.
އުތެމަ އިން އެމްޑީއެން ގެ ރިޕޯޓަށް ތާއީދު ކޮށް މިފަދަ އިތުރު ބަޔާނެއްް ނެރެފައިވާއިރު އެކަމާ ދެކޮޅަށް ވެސް ގިނަ އަދަދެއްގެ ދިވެހިން އަންނަނީ މީސް މީޑިއާ ގައި އަޑުއުފުލަމުންނެވެ.
އުތެމަ އާއި ދެކޮޅަށް މީސްމީޑިއާ ގައި އަޑު އުފުލައި ހަދަނީ ހަރުކަށިފިކުރުގެ ގޭންގުތަކުން ކަމަށް ހިއުމަން ރައިޓްސް ވޮޗް ގެ ބަޔާނުގައިވެއެވެ. އަދި މިހާރު އެފަރާތްތަކުން ކުރަމުން އުތެމައާއި ދެކޮޅަށް ހިންގަމުންދާ ކެމްޕެއިނަކީ އެމްޑީއެން އާއި ދެކޮޅަށް ހިންގި ފަދަ ކެމްޕެއިނެއް ކަމަށާއި އޭގެ ސަބަބުން އެމްޑީއެން އުވާލަން ސަރުކާރަށް މަޖުބޫރުވިކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން ވެސް ހިއުމަން ރައިޓްސް ވޮޗް އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ހަރުކަށި އިސްލާމީ ފިކުރުގެ ޖަމާއަތްތަކަށް ތާއީދު ކުރާ ފަރާތްތަކުން ދަނީ އަންހެނުންގެ ހައްޤުތަކަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ބަންދުކުރުމަށް މަސައްކަތް ކުރަމުން ކަމަށެވެ. އަދި ސަރުކާރަށް ވަނީ ހަރުކަށި ފިކުރުގެ މި މީހުން ހުއްޓުވަން ނުކުޅެދިފައި ކަމަށްވެސް އެ ބަޔާނުގައިވެއެވެ.
ހަމައެހެންމެ މި ދެ ޖަމިއްޔާ އާ ދެކޮޅަށް މަސައްކަތް ކުރާ ފަރާތްތަކުގެ މައްސަލަ ތަހުގީގުކޮށް އެ ފަރާތްތަކާމެދު ދައުވާ ކުރުމަށްވެސް ހިއުމަން ރައިޓްސް ވޮޗް އިން ވަނީ ސަރުކާރަށް ގޮވާލާފައެވެ.
ހިއުމަން ރައިޓްސް ވޮޗް އަކީ "އިންސާނީ ހައްޤުތަކަށް" ވަކާލާތު ކުރާ ބައިނަލްއަޤްވާމީ ޖަމާއަތެކެވެ.