ލައިފްސްޓައިލް

ފާފައެއް ކުރެވުމަކީ ނަފްސު ގަތުލުކޮށް އެއަށްވުރެ ބޮޑު ފާފައަކަށް އަރައިގަންނަން އޮތް ސަބަބެއް ނޫނެވެ.

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

އެއްވެސް މީހަކީ އެންމެ ފުރިހަމަ އިންސާނެއް ނޫނެވެ. އަދި އެއްވެސް މީހަކީ ކުށް ނުކުރެވޭނެ މީހެއް ވެސް ނޫނެވެ. އެހެންނަމަވެސް ކުށް ކުރެވުމުން އެކުށަށް ތައުބާވުމަށް އިސްލާމް ދީނުގައި ބާރު އަޅައެވެ. ކިތަންމެ ގިނަ ފާފައެއް ކުރެވުނު ކަމުގައި ވީ ނަމަވެސް މެއެވެ. ސާފު ނިޔަތަކާއެކު ފުރިހަމަ ތައުބާއަކުން ތައުބާވެ އެކަން ދެވަނަ ފަހަރަށް ތަކުރާރު ނުކުރުމަށް ޢަޒުމު ކަނޑައަޅައި އެ އަޒުމުގައި ސާބިތުވެ ހުރި މީހެއް ނަމަ އެ ފާފައަކުން ތިބާއަށް ޢަފޫ ލިބޭނެއެވެ.

Ads by STELCO

އެހެންނަމަވެސް ބައެއް ފަހަރު އެފަދަ ފާފަތަކަށް އަރައިގަނެ ނަފުސު ގަތުލުކުރުމަށް ވިސްނާ މީހުން މަދެއް ނޫނެވެ. ފާފައެއް ކުރުމަށް ފަހު ނަފުސު ޤަތުލު ކުރުމަކީ ހުރިހާ ކަމަކުން ސަލާމަތް ވުން ކަމުގައި އެފަދަ މީހުން ވިސްނީ ހެއްޔެވެ؟ ހަމަ ހިލާ އެހެނަކުން ނުވާނެއެވެ. ފާފައެއް ކުރުމަށް ފަހު އަނެއްކާވެސް އިތުރު ފާފައެއް ކުރެވި އެ ފާފައިގެ މަތީގައި އެމީހާ އެދަނީ ނިމިގެންނެވެ.

ބައެއް ފަހަރު ތިމާ މަސައްކަތުގައި އުޅޭ މާހައުލެއްގެ ސަބަބުން ފާފައަކަށް އަރައިގަތުމަށް މަގު ފަހިވެގެން ދެއެވެ. އެފަދަ ޙާލަތްތަކުގައި ތިމާ ތިމާގެ އީމާންތެރިކަން ވަރުގަދަ ކުރަންޖެހެއެވެ. ނަފުސު ކޮންޓްރޯލު ކުރަން ދަސްކުރަން ޖެހެއެވެ. އަދި އެފަދަ ކަންކަން ކުރެވޭނީ ހެޔޮ ޢަމަލު ކުރުން މަތީގައި ތިބާގެ ފައިތިލަ ސާބިތު ކޮށްގެންނެވެ. މަސައްކަތުގެ މާހައުލުގައި ވެސް ނަމާދަށް ފަރުވާތެރި ވެގެންނެވެ. އެހެންނަމަވެސް ބައެއް ތަންތަނުގައި މަސައްކަތް ކުރަން ޖެހޭ ވަގުތު އޮންނަ ގޮތުން ނަމާދަށް ވަރަށް ބޮޑަށް ފަރުވާ ކުޑަކުރެވެއެވެ. އެފަދަ ތަންތަނުން އެންމެ ކުޑަމިނުން ނަމާދަށް ވަގުތު ހުސްކުރުމުގެ ފުރުސަތު ދިނުން ވަރަށް މުހިންމެވެ.

ނަފުސު ގަތުލުކުރުމަށް ތިބާއަށް އޮތީ ކޮން ހައްގެއް ހެއްޔެވެ؟ ތިމާގެ ހަށިގަނޑާއި ފުރާނައަކީ ތިބާއަށް ގެއްލުން ދެވޭނެ އެއްޗެއް ނޫނެވެ. އަމިއްލަ ނަފުސު ގަތުލު ކުރުމާއި އެފަދަ ކަމަކަށް މަގު ފަހިވާނެ ކަންކަން ވެސް މާތްﷲ ވަނީ ޙަރާމް ކުރައްވާފައެވެ. މާތްﷲ ވަހީ ކުރައްވާފައިވެއެވެ.

يَا أَيُّهَا الَّذِينَ آمَنُوا لَا تَأْكُلُوا أَمْوَالَكُم بَيْنَكُم بِالْبَاطِلِ إِلَّا أَن تَكُونَ تِجَارَةً عَن تَرَاضٍ مِّنكُمْ ۚ وَلَا تَقْتُلُوا أَنفُسَكُمْ ۚ إِنَّ اللَّهَ كَانَ بِكُمْ رَحِيمًا

މާނައީ: އޭ إيمان ވެއްޖެ މީސްތަކުންނޭވެ! باطل ގޮތުގައި ތިޔަބައިމީހުންގެ މުދާތައް ތިޔަބައިމީހުންގެ މެދުގައި ނުކާށެވެ! އެހެނެއްކަމަކު، ތިޔަބައިމީހުންގެ ތެރެއިން ދެފަރާތުގެ ރުހުމުގެ މައްޗަށް އޮންނަ ވިޔަފާރިޔަކަށްވުން މެނުވީއެވެ. އަދި، ތިޔަބައިމީހުންގެ އަމިއްލަ نفس ތައް ތިޔަބައިމީހުން قتل ނުކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް رحيم ވަންތަ ރަސްކަލާނގެ ކަމުގައި اللَّه ވޮޑިގެންވެއެވެ.

އަމިއްލަށް މަރުވުމާ ގުޅޭ ގޮތުން ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އުއްމަތަށް އިރުޝާދު ދެއްވާފައިވަނީ ، މި ޙަޔާތާ ވަކިވެގެންދާ ގޮތަކީ އަމިއްލައަށް މަރުވުން ކަމަށް ކުޑަމިނުން އުންމީދު ވެސް ނުކުރުމަށެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!