އުމަރުގެ ވެރިކަމެއްގައި އިންކަމް ޓެކްސް ނުނަގާ މުދަލު ޒަކާތަށް ބާރުވެރިކަން ދެނީ!
ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރުގެ ވެރިކަމެއްގައި އިންކަމް ޓެކްސް ނެގުން މެދުކަނޑާލާނެ ކަމަށާއި މުދަލު ޒަކާތަށް ޤާނޫނީ ބާރުވެރިކަން ދޭނެ ކަމަށް މިއަދު ވިދާޅުވެއްޖެއެވެ.
2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ވާދަ ކުރައްވާނެ ކަމަށް ވިދާޅުވެފައިވާ އުމަރު ނަސީރު، މިފަހުން ގެންދަވަނީ ވަރަށް ގިނަ ވައުދުތައް ވެވަޑައިގަންނަވަމުންނެވެ.
އެގޮތުން އިންކަމް ޓެކްސް ނެގުން މެދުކަނޑާލާފައި މުދަލު ޒަކާތަށް ޤާނޫނީ ބާރުވެރިކަން ދޭނެ ކަމަށެވެ.
އިންކަމް ޓެކްސް ޤާނޫނު އޮތް ގޮތުން، އެނަގަން ފެށުމާއެކު ކުރިން ނަގަމުން ދިޔަ ބިޒްނަސް ޕްރޮފިޓް ޓެކްސް އާއި ވިތު ހޯލްޑިން ޓެކްސް ހިސާބު ކުރާނީ އިންކަމް ޓެކުހުގެ ތެރޭގަ އެވެ.
މިއަހަރުގެ އޭޕްރިލް މަހު ނަގަން ފެށި އިންކަމް ޓެކްސް، ނެގުމަށް ހަމަޖެހިފައިވަނީ މުސާރައަށް 60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުންގެ އަތުންނެވެ. އެގޮތުން އިންކަމް ޓެކްސްގެ ގޮތުގައި މެއި މަހު ދެ މިލިއަން ރުފިޔާ ލިބިފައިވެއެވެ.