ފުލުހުން ހުޅުމާލޭގައި ހިންގި ތިން އޮޕަރޭޝަނެއްގައި ހަތް މީހަކު ހައްޔަރުކޮށްފި
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހުޅުމާލޭގައި ހިންގި ތިން އޮޕަރޭޝަނެއްގައި ހަތް މީހަކު ހައްޔަރުކޮށްފި ކަމަށް ފުލުހުން ބުނެފިއެވެ.
އެ ތިން އޮޕަރޭޝަނަކީވެސް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތުތަކަކާއި ގުޅިގެން މި ހިނގާ ޖޫން މަހުގެ 25 ވަނަ ދުވަހު (އިއްޔެ) ހިންގި ތިން އޮޕަރޭޝް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަންތަކުގެ ތެރެއިން ފުރަތަމަ އޮޕަރޭޝަންގައި ހުޅުމާލެއިން މާލެ އަށް ބަނގުރާ އެތެރެކުރަން އުޅުނު ޕިކަޕެއް ހުއްޓުވައި ބަލައި ފާސްކުރި އިރު ގިނަ އަދަދެއްގެ ބަނގުރާ ކޭސް ފެނިފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން 26 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކު ހައްޔަރުކޮށްފައިވާއިރު، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ފަސް ދުވަހުގެ މުއްދަތު ދީފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ދެވަނަ އޮޕަރޭޝަންގައި ހުޅުމާލެ ފްލެޓެއް، ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު މަސްތުވާތަކެއްޗާއި ބަނގުރާ ފެނިފައިވާކަމަށާއި، އެ މައްސަލައާ ގުޅިގެން 26 އަހަރުގެ ދިވެހި ފިރިހެނަކާއި 29 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 15 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ތިންވަނަ އޮޕަރޭޝަންގައިވެސް ކޯޓު އަމުރެއްގެ ދަށުން ފުލުހުންވަނީ ބަލައި ފާސްކޮށްފައި ވަނީ ހުޅުމާލެ ފްލެޓެކެވެ. އެ ފްލެޓް ބަލައި ފާސްކުރި އިރު މަސްތުވާ ތަކެއްޗާއި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން 20 އަހަރުގެ މީހަކާއި 21 އަހަރުގެ މީހެއްގެ އިތުރުން 28 އަހަރުގެ މީހަކާއި 42 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މި ހަތަރު މީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ.
މި 4 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް ފަސް ދުވަހުގެ މުއްދަތު ދީފައިވާކަމަށްވެސް ފުލުހުން ބުންޏެވެ.
މި މައްސަލަތައް ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުންދަނީ ތަހުގީގު ކުރަމުން ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.