ހަގީގީ ހާދިސާ

ހާލުގައި ޖެހިފައިވާ ނިކަމެތި މަޔަކު ރޮއެ ގިސްލަމުން ކުރި ދުޢާ الله ތަޢާލާ އިޖާބަ ކުރެއްވި ގޮތުގެ ވާހަކަ!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ނިކަމެތި އާއިލާއެކެވެ. ފިރިއެއް ނެތި ގިނިކަންޏާ ދަރިފުޅު ބަލާ ބޮޑު ކުރަމުން އަންނަ ހިތްވަރުގަދަ މަންމައެކެވެ. ފިރިމީހާ ވަނީ ގެއްލިފައެވެ. ބަނޑުފުރާ މުއްތި ކުރާނެ ކާ އެތިކޮޅެއް ނުލިބި ޒަރޫރީ ބޭނުންތައް ފުއްދުމަށް ނުކުޅެދިފައިވާ ކުޑަކުޑަ އާއިލާއެކެވެ. އެހީއަކަށް އެދި އާދޭސް ކުރާ ނިކަމެތި މައެކެވެ.

Ads by MWSC

އާދައިގެ ދުވަހެކެވެ. އެހެން ދުވަސްތަކެކޭ ވެސް އެއްފަދައިން ދެމައިން މިއަދު ވެސް ތިބީ ބަނޑު ފުރާނެ މުއްތިކުރާނެ ކާއެތިކޮޅެއް ނުލިބިފައެވެ. އެހެންނަމަވެސް އެކަލާނގެ ހަޟްރަތުން ދުޢާ ދެންނެވުން އެމަައިމީހާ އެއްވެސް ގޮތަކަށް ދުލެއް ނުކުރިއެވެ. މިހެން ހުއްޓާ ކުއްލިއަކަށް ދަރިފުޅު ވަރަށް ބޮޑަށް ހުން އައިސްފިއެވެ. ގައިގެ ވަރުދެރަވެ ހޮޑުލާން ފަށައިފިއެވެ. މަންމަގެ ހުރި ހަމައެކަނި ދަރިފުޅު އެއްކޮށް ގައިގެ ވަރު ދެރަވެއްޖެއެވެ.

އެމަންމަ ހަދާނެ ގޮތް ހުސްވެ، ދެކޮޅަށް ދުވަމުން ގެންދިޔައީ އެހީތެރިކަމެއް ލިބޭނެ ގޮތެއް ފެނޭތޯއެވެ. އެދެލޮލުން ހޯސް ލާފައި ފައިބަމުން ދިޔަ ކަރުނަތައް ހުއްޓުމެއް ނެތި ދިޔައީ ފައިބަމުންނެވެ. ދަރިފުޅަށް ކާން ދޭނެ މޭވާއެއް އަދި ބޯންދޭނެ ޖޫސް ތައްޓެއްހާ މިންވަރު ވެސް އެ މަންމަ އަތަކު ނެތެވެ. ކުރެވެން އޮތްހާ ވެސް ކަމަކީ ދުޢާ ދެންނެވުމެވެ. ދަރިފުޅު ތަހައްމަލު ކުރަމުންދާ ވޭނާ ކެކުޅުން ބެލުމަށް އެމަންމަ އެހުރީ ގޮތް ހުސްވެ މަޖުބޫރީ ހާލަތުގައެވެ.

އެމަންމަ ދުޢާ ކުރަމުން ދިޔައެވެ. ދަރިފުޅުގެ ހައްގުގައި އެހީތެރިއަކު ފޮނުވައި ދިނުމަށެވެ. ފައިބަމުން ދިޔަ ކަރުނަތަކާއެކު ވެސް އެމަންމަ ދުޢާ ކުރުން ހުއްޓައެެއް ނުލައެވެ. ރޭގަނޑު ދެބައިވެއްޖެއެވެ. ފަތިސްވާން ގާތްވެއްޖެއެވެ. ނަމަވެސް ވަރުބަލި ކަމެއް ނެތި އެމަންމަ އެދަނީ ދުޢާ ކުރަމުންނެވެ. އެމަންމަގެ ލޯބިވާ ދަރިފުޅަށްޓަކައި ހިތުގައިވާ މައިވަންތަ ކުލުނުގެ ސަބަބުންނެވެ. އެދަރިފުޅަށް ދެރަ ގޮތެއް ނުވޭތޯ ދުޢާ ދެންނެވުމުގައި އެމަންމަ އެދަނީ ގިސްލާ ރޮމުންނެވެ.

ކުއްލިއަކަށް ދޮރުގައި ޓަކި ޖަހައިފިއެވެ. އޭރު ގަޑިން 3 ގަޑި ބައި ވަނީއެވެ. ބުރުގާ އެޅުމަށް ފަހު އަވަސް އަވަހަށް ދޮރު ހުޅުވައިފިއެވެ. ސުބުޙާނަﷲ. އެމަންމަގެ ދުޢާ އިޖާބަ ކުރައްވައިފިއެެވެ. ދަންވަރު 3 ގަޑި ބައިވެފައި ވަނިކޮށް ދޮރުގައި ޓަކި ޖަހާލީ ޑޮކްޓަރެކެވެ. ޑޮކްޓަރު ބުންޏެވެ. ދަރިފުޅު ކޮބައިހެއްޔެވެ؟ އެމަންމަގެ ލޮލުން ހޯސް ލައިފައި ފައިބަމުން ދިޔަ ކަރުނަތަކާއެކު އެކަލާނގެއަށް ޙަމްދު ކުރިއެވެ. އަދި ދަރިފުޅަށް ފަރުވާ ހޯދުމަށް އެގެއަށް އައި ޑޮކްޓަރަށް ދަރިފުޅު ދެއްކިއެވެ.

ބޭސް ސިޓީ ލިޔުމަށް ފަހު ޑޮކްޓަރު އެމަންމައާ ބޭސް ސިޓީ ހަވާލުކޮށްލިއެވެ. އަދި ގެއިން ނިކުންނަމުން "ބިލް" ދިއްކޮށްލިއެވެ. މަންމަގެ ހިތް ކުދިކުދި ވިކަހަލައެވެ. މަޑުމައިތިރި މާޔޫސީ ރާގަކަށް އެމަންމަ ބުންޏެވެ. އަހަރެން އަތަކު ޑޮކްޓަރަށް ދޭނެ އެއްވެސް ފައިސާއެއް ނެތެވެ. ހަމްދަރުދީ ވުމުގެ ބަދަލުގައި ޑޮކްޓަރު އައީ ރުޅިއެވެ. އަދި ރުފިޔާ ނުދެއްކޭ ނަމަ އެހާ ދަންގަޑިއަކު އޭނާއަށް ގުޅާ އެގެއަށް އޭނާ ގެނައީ ކީއްވެތޯ ސުވާލުކުރިއެވެ.

މަންމަ ހައިރާންވެ ބުންޏެވެ. އަހަރެމެންނަކީ ހާލުގައި އުޅޭ ނިކަމެތި ދެމައިންނެވެ. ބަނޑުފުރާ މުއްތި ކުރާނެ ކާއެތިކޮޅެއް ވެސް އަހަރުމެން ދެމައިން އަތަކު ނެތެވެ. ވީއިރު ފޯނެއް ހޯދައިގެން ޑޮކްޓަރަށް ގުޅޭނެ އެއްވެސް ތަނަވަސް ކަމެއް އަހަރުމެން ކިބައަކު ނެތެވެ. އަހަރުމެން ޑޮކްޓަރަކަށް ނުގުޅަމުއެވެ. ޑޮކްޓަރު ހައިރާންވެ ސުވާލު ކޮށްލިއެވެ. މިވެނި ނަންބަރަކީ މިގޭގެ ނަންބަރެއް ނޫން ހެއްޔެވެ؟ މަންމަ ޖަވާބުގައި ބުންޏެވެ. ތިއީ ޖެހިގެން ހުރި ގޭގެ ނަންބަރެވެ.

ޑޮކްޓަރު ލޮލުން ކަރުނަތައް ފޭދިގެން ފައިބަން ފަށައިފިއެވެ. އަދި ކަންދިމާވި ގޮތް ރަނގަޅަށް ސާފުކުރުމަށް އެދި އެގެއަށް ވަނުމަށް ހުއްދައަށް އެދުނެވެ. އެދެމައިންގެ އަނދިރި ޙަޔާތް އަޑުއަހައި ޑޮކްޓަރުގެ ހިތް ކުދިކުދިވި ކަހަލައެވެ. އަދި އެއީ މާތްﷲ އެދެމައިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، އެ ޑޮކްޓަރު މެދުވެރިވެގެން ހިނގާދިޔަ ކަމެއް ކަން ވެސް އެ ޑޮކްޓަރަށް އެނގިއްޖެއެވެ. އެމަންމަގެ ދަރިފުޅުގެ ހައްގުގައި މުޅި ރޭގަނޑު އެމަންމަ ކުރަމުން އައި ދުޢާ އިޖާބަ ކުރައްވައިފިއެވެ.

މާތްﷲ ގެ ރަޙުމަތްފުޅުން އެދެމައިންނަށް އެހީތެރިކަން ފޯރުކޮށްދިނީ އެ ޑޮކްޓަރެވެ. ބޭނުންވާ ބޭހާއި އެ ދެމައިން ބަނޑުފުރާ މުއްތި ކުރާނެ ކާނާގެ އިތުރުން ކޮންމެ މަހަކު ވެސް ކޮންމެސް ވަރެއް އެ ޑޮކްޓަރު ވަނީ އެ އާއިލާއަށް ދިނުމަށް ނިންމާފައެވެ.

އެކުވެރިންނޭވެ. މިއީ މިސްރުގައި ދިރިއުޅެމުން އައި ނިކަމެތި ދެމައިންނަށް ދިމާވި ކުޑަކުޑަ ހާދިސާއެކެވެ. އެތައް ވާހަކަތަކެއް އެތައް އިބުރަތްތަކެއް ލިބިގެންދިޔަ ފިލާވަޅެކެވެ. މައެއް، އެމައިމީހާގެ ދަރިއަށް ޓަކައި ރުއި ރުއިމުގެ ވާހަކައެވެ. އެދަރިފުޅުގެ ހައްގުގައި މަންމަ ކުރަމުން ދިޔަ ދުޢާ އިޖާބަކުރި ގޮތުގެ ވާހަކައެވެ. ދިރިއުޅުމުގައި ހިތްދަތި ކަންކަމާ ދިމާވާނެއެވެ. ހަތަރު އުދަރެސް ފެނުޖެހި ގޮތްހުސްވާ ހިސާބަށް ވެސް ކަންތައް ގޮސްދާނެއެވެ. ނަމަވެސް އެކަލާނގެ ހަޟްރަތުން ވާތްގަށް އެދި ދުޢާކުރުން ހުއްޓާ ނުލާށެވެ. ހަމަކަށަވަރުން އެންމެހާ މުސްލިމުންގެ މައްޗަށް رحيم ވަންތަ ރަސްކަލާނގެ ކަމުގައި اللَّه ވޮޑިގެންވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!