ދީން

މިއަދުގެ ޚުތުބާގައި ޤިޔާމަތް ދުވަހުގެ ބިރުވެރި ވާހަކަތައް، ވިސްނާ ފިކުރު ކޮށްލައްވާ!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން
ދެން އިމޭޖްސް/ ޢާލިމް ޢަބްދުއްލަތީފް

ދުނިޔެއަކީ ވަގުތީ ފާލަމެކެވެ. މިއީ އެންމެހާ އިންސާނުން އިމްތިހާން ކުރައްވަން ފޮނުއްވާފައިވާ ވަގުތީ ފާލަމެކެވެ. ވީއިރު މި ވަގުތީ ފާލަމުގައި އަހަރެމެން އެންމެން ވެސް ތައްޔާރު ވާންވީ ކުރިއަށް އޮތް ދާއިމީ މަންޒިލަށެވެ. ހިސާބު ބައްލަވާ ދުވަހަށެވެ.

Ads by Sosun Fihaara

ޤިޔާމަތް ދުވަހަކީ ހުރިހާ އެންމެން ވެސް މަހުޝަރު ކުރެވޭ ދުވަހެވެ. ދުނިޔެ ފަނާވެ ޤިޔާމަތް ފާޅުވާ ދުވަހެވެ. އެދުވަހަކީ ކޮންމެ އިންސާނެއް ވެސް އެ އިންސާނެއް ދުނިޔޭގައި ކުރި އަމަލުތަކުގެ ހިސާބު ބެއްލެވޭނެ ދުވަހެވެ. އެދުވަހުން ކޮންމެ މީހެއްވެސް އެމީހަކު ކޮށް އުޅުނު ޢަމަލުތައް ދެކޭނެތެވެ. އެގޮތުން މިއަދުގެ ހުކުރު ހުތުބާގެ މައުލޫއަކީ "ތިމާކުޅަ ޢަމަލު ތިމާ ދެކޭ ދުވަސް" މިއެވެ.

އެގޮތުން އާޚިރަތް ދުވަހަކީ އީމާންކަމުގެ ރުކުނެއް ކަމަށާއި، އެދުވަހަށް އީމާން ވުމަކީ އެ ދުވަސް ހަމަ ޔަގީނުން ވެސް އަންނާނެކަން ގަބޫލުކޮށް، އެދުވަހު ހިނގާނޭ ހުރިހާ ކަމެއް ވެސް ހިތުން ތެދުކޮށް ކަށަވަރު ކޮށްގަތުން ކަމުގައި ޚުތުބާގައި ބުނެފައިވެއެވެ. އާޚިރަތް ދުވަހަކީ މާ ދުރުގައި އޮތް ދުވަހެއް ނޫންކަމާއި، އެދުވަސް ދެނެވޮޑިގެން ވަނީ ހަމައެކަނި މާތްﷲ ކަމުގައި ވެސް ޚުތުބާގައި ވެއެވެ.

"އެދުވަހަކީ މޮޅިވެރިކަމާއި ހިތާމައިން ފުރިގެންވާ ޙާލު ހިތްތައް ކަރުތެރެއަށް އަރައިގެން އަންނަ ދުވަހެވެ. އާޚިރަތް ދުވާހާ މެދު ގިނަގިނައިން ވާހަކަދެއްކުމަކީ ކުރަންޖެހޭ ކަމެކެވެ. އަމުރުވެވިގެންވާ ކަމެކެވެ. ވާޖިބެކެވެ."

ޤިޔާމަތްވުމުގެ ޢަލާމާތްތައް ފާޅުވަމުން ގޮސް އެންމެ ފަހުން ޤިޔާމަތް ވާހިނދު ދުނިޔޭގައި ތިބޭނީ އެންމެ ނުބައި މީހުން ކަމަށާއި، އެކަލާނގެ އަމުރުފުޅަށް އިސްރާފީލުގެފާނު ތާޅަފިލި ފުމެއްލަވާނެ ކަމުގައި ޚުތުބާގައި ބަޔާން ކޮށްފައި ވެއެވެ. އަދި ފުރަތަމަ ތާޅާފިލި ފުމެލެއްވުމާއެކު ލަހެއް ފަހެއް ނުވެ ގިޔާމަތް ގާއިމުވެދާނެ ކަމުގައި ވެސް ޚުތުބާގައި ބުނެފައިވެއެވެ. މީގެ އިތުރުން ތާޅަފިލީގެ އަޑު އެންމެ ފުރަތަމަ އިވޭނީ މަޑުން ކަމަށާއި، އެއަޑު އަންނާނީ ގަދަވަމުން ކަމަށާއި އެއަޑު އިވުމުގެ ސަބަބުން މީސްތަކުން މަރުވާނެ ކަމުގައި ވެސް ޚުތުބާގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ފުރަތަމަ ތާޅަފިއްޔާއެކު ބިން އެހެން ބިމަކަށް ބަދަލުވެ އުޑު އެހެން އުޑަކަށް ބަދަލުގެންދާނެ ކަމަށާއި، އެ ތާޅަފިއްޔާއެކު މާތްﷲ އިރާދަކުރެއްވި ބަޔަކު ފިޔަވާ ދުނިޔޭގައި ވާހާ އެއްޗެއް ނެތި ފަނާވެގެން ދާނެކަމުގައި ވެސް ޚުތުބާގައި ބުނެފައިވެއެވެ، ފުރަތަމަ ތާޅަފިއްޔާއި ދެވަނަ ތާޅަފިއްޔާ ދެމެދު ސާޅީސް ވާނެ ކަމަށާއި، އެ ސާޅީހަކީ ސާލީސް ދުވަސްތޯ ނުވަތަ މަސްތޯ ނޫނީ އަހަރުތޯ ދެނެވޮޑިގެންވަނީ ގަދަ ކީރިތިވަންތަ މާތްﷲ އެވެ. އެއަށް ފަހު އިސްރާފީލުގެފާނު ދެވަނަ ތާޅަފިލި ފުމެއްލައްވާނެއެވެ.

އިސްރާފީލުގެފާނު ދެވަނަ ތާޅަފިލި ފުމެލެއްވުމާއެކު، ހިމަފޮދު ވާރޭ ވެއްސަވާނެކަމަށާއި، އެއިން ބިމަށް ދިރުންލިބި އޮށްތަކުން ގަސް ފަޅާ ބީދައިން ޚަލުގުތަކުން ދިރުން ލިބި ކަށްވަޅުތަކުން ތެދުވާނެ ކަމުގައި ވެސް ޚުތުބާގައި ބުނެފައިވެއެވެ. އެއަށް ފަހު އެންމެހާ މީސްތަކުން މަހުޝަރުކުރެވި ހިސާބުބެއްލެވެން ފެށޭނެ ކަމާއި، މީސްތަކުން މަހުޝަރުކުރެވޭ ހުށީ ހުސްފަޔާ ހުސްގަޔާ ދުނިޔެއަށް އުފަން ކުރެއްވި ގޮތަށް ކަމުގައި ވެސް ޚުތުބާގައި ވެއެވެ، މީގެއިތުރުން ކޮންމެ މީހެއް ވެސް ހުންނާނީ އެމީހެއް މަރުވި ކަމެއްގެ މަތީގައި ކަމުގައި ވެސް ޚުތުބާގައި ބުނެފައިވެއެވެ.

" މާތްﷲ ހަނދުމަ ކުރުމުން އެއްކިބާވެއްޖެ މީހާ ކަނު މީހެއްގެ ގޮތުގައެވެ. އިޙުރާމް ބަނދެގެން ހުއްޓާ މަރުވި މީހާ ތަލްބިޔާ ކިޔަމުންދާ ޙާލުއެވެ. ކީރިތި ޤުރުއާނާ ދުރުހެލިވެއްޖެ މީހާ ބިރުވެރިކަމުން އޭނާގެ މޫނު ނޫވެގެންވާ ހާލުއެވެ. ބޮޑާވެގަންނަމީހާ، ނުހަނު ނިކަމެތި ގޮތެއްގައެވެ. އަދި ކާފަރުވި މީހުން މޫނުވަތަށް، ކަނު، މަންމަން، ބީރު ބައެއްގެ ގޮތުގައެވެ " ޚުތުބާގައި ވެއެވެ.

އާޚިރަތް ދުވަހު އިރު ހުންނަހުށީ މީސްތަކުންނާ ކައިރީގައިކަން ސައްހަ ހަދީޘުން ސާބިތުވެފައިވާ ކަމަށާއި، އިރުގެ ގަދަ ހޫނުގެ ސަބަބުން ގައިން ހިއްލާ ދަލުގައި ޣަރަގު ވެފައިވާ ބަޔަކު ތިބޭނެ ކަމުގައި ވެސް ޚުތުބާގައި ސިފަކޮށްފައިވެއެވެ. އެދުވަހުން ނިޔާ ކަނޑައެޅުމުގައި އެއްވެސް ބޭއިންސާފުވެރިކަމެއް އެކުލެވިގެން ނުވާނެއެވެ. އެދުވަހަކީ ހުރިހާ ކަމެއް ވެސް އެންމެ އިންސާފުވެރިކޮށް ކުރިއަށްދާނޭ ދުވަސްކަމާމެދު ޝައްކެއް ނެތެވެ.

މާތްﷲ ވަޙީ ކުރައްވާފައިވެއެވެ. " އެދުވަހެއްގައި، ﷲގެ ޙަޟްރަތަށް ތިޔަބައިމީހުން ރުޖޫޢަކުރައްވާނޭ ދުވަހަކަށް ތިޔަބައިމީހުން ރައްކާތެރިވެ ބިރުވެތިވާށެވެ! ދެން، ކޮންމެ ނަފުސަކަށްމެ، އެ ނަފުސެއް ހޯދި ކަމެއްގެ ޖަޒާ (އެދުވަހުން) ލިބޭނެތެވެ. އަދި އެއުރެންނަށް ބޭއިންސާފެއް ނުކުރައްވާ ހުއްޓެވެ. "

ކޮންމެ އިންސާނެއް ވެސް އެ އިންސާނާގެ ޢަމަލުނާމާ ދެކޭނެކަމަށާއި، އޭގައި ކޮންމެ މީހެއްގެ ވެެސް ކިތަންމެ ކުޑަ އަދި ބޮޑު ވިޔަސް އެދުވަހުން ދެކޭނެ ކަމުގައި ޚުތުބާގައި ފާހަގަކުރައްވާފައިވެއެވެ. މާތްﷲ ގެ ރަޙުމަތްފުޅާއެކު ސުވަރުގެއަށް ވަނުމުގެ ފުރުސަތު ލިބޭނީ، އޭނާ ދުނިޔޭގައި ކޮށްފައިވާ ހެޔޮ ޢަމަލުތަކުގެ ސަބަބުން ކަމަށްވީ ހިނދު، ތިމާގެ އަމިއްލަ ނަފުސަށް ހެޔޮއެދޭ މީހާ ހެޔޮއަމަލު ކުރުމުގައި ފަސްނުޖެހޭނެ ކަމަށް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

އެމީހެއްގެ ޢަމަލުނާމާ ކަނާއަތަށް ލިބިއްޖެ މީހާ ސުވަރުގެ ވަންނާނެ ކަމަށާއި ޢަމަލުނާމާ ވާއަތަށް ލިބިއްޖެ މީހާ ނަރަކައަށް ވަންނާނެ ކަމުގައި ވެސް ޚުތުބާގައި ހަނދާން ކޮށްދީފައި ވެއެވެ. ދުނިޔޭގެ ވަގުތީ އުފާތަކާއި ވަގުތީ ހިތްހަމަޖެހުން ހޯދުމުގެ ބަދަލުގައި އެދުވަހުގެ ބާއްޖަވެރިކަން ހޯދުމަށް ގަދައަޅައި މަސައްކަތް ކުރުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރި ވެފައެވެ. އަދި ބުއްދިވެރިއަކީ ހެޔޮޢަމަލު ކުރުމުގައި ކުރިއަށް ދާ މީހާ ކަމަށާއި ހެޔޮޢަމަލު ގިނަކޮށް އާޚިރަތް ދުވަހަށް ތައްޔާރުވުމަށް ވެސް މިއަދު ޚުތުބާގައި ވަނީ އަލިއަޅުވާލައިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!