ދަރިންނަށް އޮތް ލޯތްބެއްގެ ބޮޑުކަމުން ބޭނުންވަނީ 100 ދަރިން ހޯދަން
ދިރިއުޅުމެއް ރާވާއިރު ހޯދާނީ ކިތައް ދަރިންތޯ ވަރަށް ގިނައިން އަމިއްލަ ނަފްސާ ސުވާލު ކުރެވެއެވެ. އަދި ރައްޓެހިންނާ އެކު މި މައުޟޫއު އަށް ވަރަށް ގިނައިން ބަހުސް ވެސް ކުރެވެއެވެ. ކޮންމެ އަކަސް އެންމެ ގިނަވެގެން ވެސް 10 ދަރިންނަށް ވުރެ ގިނައިން ހޯދުމަށް ވިސްނާނެ މީހުން ވަރަށް ވެސް މަދުވާނެއެވެ.
އެހެން ނަމަވެސް މިއީ ތަފާތު އަންހެނެކެވެ. ކުޑަކުދިން ދެކެ އިންތިހާއަށް ލޯބިވާ މިލިއަނަރެކެވެ. 11 ދަރިންގެ މަންމަ އެކެވެ. ނަމަވެސް މި އަންހެން މީހާ މަދު ވެގެން 100 ދަރިން ބޭނުންވެއެވެ. ރަޝިޔާގެ ރައްޔިތެއް ކަމުގައިވާ ކްރިސްޓީނާ އޮޒްޓާރކް ނަމަކަށް ކިޔާ މި އަންހެންމީހާ 10 ދަރިން ހޯދާފައިވަނީ "ސަރޮގޭޓް" ކޮށްގެންނެވެ. އަދި އޭނާ ވަނީ އޭނާގެ ބަނޑުން 1 ދަރި ވިހާފައެވެ.
އުމުރުން 23 އަހަރުގެ ކްރިސްޓީނާ އޭނާގެ މީސްމީޑިއާގައި ބުނެފައި ވަނީ ކުޑަކުދިން ދެކެ އޭނާ ވަރަށް ލޯބިވާ ކަމަށާއި 100 އަށްވުރެ ގިނަ ދަރިން ބޭނުން ކަމަށް ބުނެފައެވެ. ނަމަވެސް އެއީ ހަމައެކަނި އޭނާ މަޖަލަކަށް ބުނެލި އަދަދެކެވެ. މަޖަލަކަށް ބުނި ނަމަވެސް އޭނާ ބުނެދޭން ބޭނުން ވަނީ ކުޑަކުދިންނަށްޓަކައި އޭނާގެ ހިތުގައި އޮތް ލޯތްބެވެ.
ކްރިސްޓީނާ ބުނީ މިހާރު އަސްލު 10 ދަރިން ހަމަވުމުން ހުއްޓާލުމަށް އޭނާ އާއި ފިރިމީހާ ޤާލިބް ނިންމި ކަމަށެވެ. ނަމަވެސް ވަގުތާއި ހާލަތުގެ ގޮތުން މި ނިންމުންވެސް ބަދަލުވީ ކަމަށެވެ. މީގެ އިތުރުން މުސްތަގުބަލްގައި ވާން އޮތް ގޮތެއްވެސް ނޭނގޭ ކަމަށާއި ކޮންމެ ކަމެއްވެސް އެކަމެއްގެ ވަގުތު ޖެހުމުން ވާނޭ ކަމަށްވެސް ކްރިސްޓީނާ ބުނެފައިވެ އެވެ.
މި ދެމަފިރިން ސަރޮގޭޓް ކުރި ކޮންމެ ދަރިއަކަށް ވަނީ 8000 ޔޫރޯ ޚަރަދު ކޮށްފައެވެ. އަދި ސަރޮގޭޓް ކުރުމުގެ ހުރިހާ ޒިންމާއަކާ ހަވާލުވަނީ އެމީހުން އެކަމަށް ޚާއްޞަ ކޮށްފައިވާ ކްލިނިކަކުން ކަމަށް މަޢުލޫމާތު ދީފައިވެއެވެ.
ކްރިސްޓީނާ އާއި އޭނާގެ ފިރިމީހާއާ އެންމެ ފުރަތަމަ ދިމާވީ ޖޯޖިއާގައި ހޭދަކުރި ޗުއްޓިީ އެއްގައެވެ. ކްރިސްޓީނާއާ ބެހޭ ގޮތުން ޤާލިބް ބުނެފައިވަނީ އެއީ އޭނާ އަބަދުވެސް ހޯދަން ބޭނުންވި ފަދަ އަންހެނެއް ކަމަށެވެ.