ޚަބަރު

ކޮވިޑް ވެކްސިން: އަދަދު 39،000 އާ ގާތްކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮވިޑް-19 އިން ރައްކާތެރިވުމަށް މިއަދު އަތޮޅުތެރެއިން 1,129 މީހަކަށާއި ރިސޯޓުތަކުން 99 މީހަކަށް އަދި މާލެ ސަރަޙައްދުން 4,257 މީހުންނަށް ވެކްސިން ދީފިއެވެ.

Ads by STELCO

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމު ކޮށްފައިވާ ޑޭޓާއަަށް ބަލާއިރު 5،485 މީހުންނަށް މިއަދު ކޮވިޑް ވެކްސިން ދީފައި ވެއެވެ. އަދި މިހާތަނަށް މުޅި ރާއްޖެއިން ޖުމްލަ 38،591 މީހުންނަށް ވެކްސިން ދީފައި ވެއެވެ.

މާލެ ސަރަޙައްދުގައި ވެކްސިން ދިނުމަށް ގާއިމް ކޮށްފައިވާ 6 ސެންޓަރުން މިހާތަނަށް ޖުމްލަ 31،322 މީހުންނަށް ވެކްސިން ދީފައިވާއިރު އަތޮޅުތެރޭގެ ދެ ސެންޓަރުން މިހާތަނަށް ޖުމްލަ 7،170 މީހަކަށް ވެކްސިން ދީފައި ވެއެވެ. އަދި ރިސޯޓުތަކުން 99 މީހަކަށް ވެކްސިން ދީފައިވެއެވެ.

އެޗްޕީއޭއިން އާއްމު ކޮށްފައިވާ ސާވޭލަންސް ޑޭޓާއަށް ބަލާއިރު މިއަދު ރާއްޖެއިން ކޮވިޑަށް ފައްސި ވެފައިވަނީ މާލެއިން 81 މީހުންނާއި، އަތޮޅުތެރެއިން 11 މީހަކާއި ހިންގަމުން އަންނަ ރިސޯޓުތަކުން 14 މީހަކާއި ތަރައްޤީ ކުރަމުން އަންނަ ރަށަކުން އެކަކުގެ އިތުރުން އިންޑަސްޓްރިއަލް އައިލެންޑަކުން 5 މީހެކެވެ.

މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 17،828 މީހުން ފައްސި ވެފައިވެއެވެ.

ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައިވަނީ ޖުމްލަ 15،448 މީހުންނެވެ. އަދި މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޖުމްލަ އަދަދު މިހާރު 58 އެވެ.

ހޮސްޕިޓަލުތަކުގައި މިހާރު ފަރުވާ ހޯދަމުން ދަނީ 190 މީހުންނެވެ.

ރާއްޖެއިން ކޮވިޑަށް ޓެސްޓު ކުރަން މިހާރު 461،617 ސާމްޕަލް ނަގައިފައި ވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!