ޕްރިންސް ހެރީއާއި މޭގަންއަށް ދެވަނަ ދަރިއަކު ލިބެނީ

އިނގިރޭސިވިލާތުގެ ޕްރިންސް ، ހެރީ އާއި އޭނާގެ އަނބިކަނބަލުން މޭގަން މާކްލްއަށް ދެވަނަ ދަރިއަކު ލިބެން އުޅޭ ކަމުގެ އުފާވެރި ޚަބަރު ދީފިއެވެ.
ޕްރިންސް ހެރީ އާއި މޭގަންއަށް ދެވަނަ ދަރިއަކު ލިބެން އުޅޭ ކަމަށާއި މޭގަން އިނީ ބަލިވެ ކަމަށް، ޝާހީ ޢާއިލާގެ ތަރުޖަމާނު ވަނީ މިދިޔަ އާދިއްތަ ދުވަހު ސީއެންއެން އަށް ކަށަވަރު ކޮށްދީފައެވެ. އޭގެ އިތުރުން އިއްޔެ ޕްރިންސް ހެރީއާއި މޭގަން ވަނީ، އެދެމަފިރިންގެ ފޮޓޯއެއް މީސް މީޑިއާގައި އާންމު ކޮށްފައެވެ. މޭގަން ބަލިވެ އިންކަން އެފޮޓޯއިން ވެސް ހާމަވެއެވެ.

ދެވަނަ ދަރިއަކު ލިބެން އުޅޭކަމުގެ ޚަބަރު ޕްރިންސް ހެރީ އާއި މޭގަން ހިއްސާ ކޮށްފައިވާއިރު، އެދެމަފިރިންގެ ފުރަތަމަ ދަރިފުޅު އާޗީ ހެރިސަން އަށް ދެ އަހަރު ފުރޭނީ މިއަހަރުގެ މެއި މަހުގެ 6 ވަނަ ދުވަހުއެވެ.
އާޗީ ލިބުނު ފަހުން މިދިޔަ އަހަރު ވެސް މޭގަން ބަލިވެ އިނެވެ. ނަމަވެސް އެއަހަރުގެ ޖުލައި މަހު އެދަރިފުޅު ބައިގެން ދިޔަ ކަމުގެ ހިތާމަވެރި ޚަބަރު މޭގަން ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު ހިއްސާ ކޮށްފައެވެ. މޭގަން ބުނީ އެދަރިފުޅު ބައިގެން ދިޔުން ވެގެން ދިޔައީ ހެރީ އަށާއި އޭނާއަށް ލިބުނު ވަރަށް ބޮޑު ހިތާމައެއް ކަމަށެވެ.