ލުއި ޚަބަރު

މިފަހަރު ވެސް ކާފަ ދަރިފުޅު ނުދައްކައިފި ނަމަ ވަރަށް ދެރަވާނެ: މޭގަންގެ ބައްޕަ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިނގިރޭސިވިލާތުގެ ޝާހީ އަމީރު ހެރީއާއި މޭގަން މާކްލްއަށް ލިބުނު ދެވަނަ ދަރިފުޅު "ލިލީ" ނުދައްކައިފި ނަމަ ވަރަށް ދެރަވާނެ ކަމަށް މޭގަންގެ ބައްޕަ ތޯމަސް މާކްލް ބުނެފިއެވެ.

Ads by MWSC

ތޯމަސް މިހެން ބުނެފައި ވަނީ "60 މިނިޓްސް އޮސްޓްރޭލިއާ"އަށް އޭނާ ދޭން ހަމަޖެހިފައިވާ އެކްސްކްލޫސިވް އިންޓަވިއުގެ ވީޑިއޯކޮޅެއްގައެވެ.

ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި، ކުރިން ލައިޓިންގ ޑިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރި ތޯމަސްއާއި އޭނަގެ ދަރިފުޅު އެންމެ ފަހުން ވާހަކަ ދައްކައިފައި ވަނީ 2018 ގައެވެ. ޕަޕަރާޒީންނާ ގުޅިގެން އެއިރު ދެބަފައިން ދެމެދު ޖެހުނު މައްސަލައަށް ފަހު މިއަދާ ހަމައަށް ވެސް އެ ދެމީހުން އެކަކު އަނެކަކާ ވާހަކައެއް ނުދައްކައެވެ.

ވީޑިއޯގައި ތޯމަސް އިތުރަށް ބުނެފައި ވަނީ އެ ދެބަފައިންގެ "ވަރުގަދަ" ގުޅުމަށް މިހައި ބޮޑު ހީނަރުކަމެއް ކުއްލިއަކަށް އަންނަން ޖެހުނީ ކީއްވެކަމެއް އޭނާއަށް ނުވިސްނޭ ކަމަށެވެ. އޭނާއަށް ކުށެއް ކުރެވުނު ނަމަ އެކަމެއް ވިސްނޭނެ ކަމަށާއި ނަމަވެސް އޭނާ ކުށެއް ނުކުރާ ކަމަށް ވެސް ބުނެފައިވެއެވެ.

ހެރީއާއި މޭގަންގެ ފުރަތަމަ ދަރިފުޅު އާޗީ އަދިވެސް ނުދެކޭ ކަމަށާއި ދެވަނަ ކާފަ ދަރިފުޅު ލިލީ ވެސް ނުދައްކައިފި ނަމަ ވަރަށް ދެރަ ވާނެ ކަމަށް ތޯމަސް ބުނެއެވެ. އަދި ކާފަ ދަރިން ފެންނާނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް ބުނެއެވެ.

"އަހަންނަށް ކުށް ކުރެވުނު، އެ ކަންކަމަށް އެތައް ސަތޭކަ ފަހަރަކު މާފަށް އެދެފިން" ތޯމަސް ބުންޏެވެ.

މޭގަންއާއި ހެރީއަށް ދެވަނަ ދަރިއަކު ލިބުނީ ޖޫން 4 ގައެވެ. އެދެމަފިރިން އެ ކުއްޖާއަށް ނަން ދިނީ ރާނީ އެލިޒަބެތުއަށް ވަނަމެއްގެ ގޮތުން ކިޔާ "ލިލީ"ގެ ނަމުންނެވެ. އަދި ނަމުގެ ފަހަތަށް ހެރީގެ މަންމަގެ ނަން ، "ޑަޔާނާ" ވެސް ކިޔައިފައިވެއެވެ.

Ads by HDC
  1. ކަރެކްސަން

    ލިލިބެޓް