މިއުޒިކް ހަރާމް ކަމަށް ކިޔަނީ ރާއްޖެ ބައިބައި ކުރުމުގެ އަމާޒެއްގައި: ރައީސް ނަޝީދު
މިއުޒިކް އަކީ ހަރާމް އެއްޗެއް ކަމަށް ދީނީ އިލްމުވެރިން ދައްކާ ވާހަކަތަކަކީ ރާއްޖެ ބައިބައި ކުރުމުގެ އަމާޒުގައި ދައްކާ ވާހަކަތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ މާލޭގައި ޒުވާނުން ހިތްފަސޭހަ ކޮށްލައި މުނިއަވަސް ފިލުވައި ހާސްކަމެއް ނެތި މަޖާކޮށް މިއުޒިކު ކުޅެ މިއުޒިކު އަޑުއަހައި ނަށާލާނެ މަރުކަޒެއް ޤާއިމު ކުރުމަށް ގޮވައިލާ ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު ހުޅަނގު ދާއިރާ މެންބަރު ޙަސަން ލަޠީފު ހުށަހެޅުއްވި ޤަރާރާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން އަންނާތީއެވެ.
ރައީސް ނަޝީދު މިއަދު ވިދާޅުވީ މިއުޒިކަކީ ހަރާމް ކަމެއް ނޫން ކަމަށް ރާއްޖޭގެ ކުރީގެ ހުރިހާ ރައީސުން ވިދާޅުވެފައިވާ ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ވެސް މިއުޒިކް ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންފައިވާ ކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ ރާއްޖޭގައި މިއުޒިކް ކުޅުމަކީ މި ރާއްޖޭގެ ރައްޔިތުން ބޭނުންވާ ކަމެއް ކަމަށެވެ.
އަދި އެ ނޫން ގޮތަކަށް ބަހުސް ހިންގައި ވާހަކަ ދައްކައި ހެދުމަކީ ހަގީގަތުގައި މި ރާއްޖެ ބައިބައި ކުރުމުގެ އަމާޒެއްގައި ބަޔަކު ކުރަމުންދާ ކަމެއް ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ އިތުރުން ދީނީ އިލްމުވެރިއެއް ކަމަށްވާ ރައީސް މައުމޫން ވެސް ވަނީ ރައްބު ހަރާމް ކުރެއްވި ކަންތައްތަކުގެ ތެރޭގައި މިއުޒިކް ކުޅުމާއި، ލަވަކިޔުން ނޯންނަ ކަމަށް ވިދާޅުވެފައެވެ.
އެއްވެސް ކަމެއް ޙަރާމް ވާނީ މަތިވެރި ރައްބު އެކަމެއް ޙަރާމް ކުރެއްވުމުން ކަމަށާއި އެ އިލާހު ޙަރާމް ކުރެއްވި ކަންތައްތައް ކީރިތި ޤުރުއާނުގައި ބަޔާން ކުރައްވާފައިވާ ކަމަށް ރައީސް މައުމޫން ވިދާޅުވެފައިވެއެވެ. އަދި އެކަންކަމުގެ ތެރޭގައި މިއުޒިކު ކުޅުމާއި، ލަވަކިޔުން ނޯންނަ ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވިއެވެ.
މިހާރުކުޅޭ މިއުޖިކު ކަަަަަަަަަަަަަަަަަނުދަަަަަަަަަަަަަަަަަަަނީތޯ ވެގެންތިއުޅޭގޮތަކީ ޑިސްކޯކުޅެވޭ ތަންތަަަަަަަަަަަަަަަަަން ނެތިގެން ތިއުޅެނީ މިކުޅިވަރުގަަަަަަަަަަަަަަަަަަައި އިސްލާމްދީނާ ފުށުއަރާ އެތަ އްކަމެއް ހިގާކަމެކެވެ