ރައީސް ޔާމީން ބޭނުންފުޅު ވަނީ ފްލެޓު އޭގެ ހައްގުވެރިންނަށް ލިބުން: ޝިޔާމް
އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅު ވަނީ ހިޔާ ފްލެޓުތައް އޭގެ ހައްގުވެރިންނަށް ލިބުން ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް މިހެން ވިދާޅުވެފައި މިވަނީ ފްލެޓު ދިނުމުގެ ތަފާތު ކުރުންތައް ގެންގުޅެފައިވާ ކަމަށް ބުނެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.
ޝިޔާމް ވިދާޅުވީ ބޯހިޔާވަހިކަމަކީ ރައްޔިތުންގެ އެންމެ ބޭނުންވާ އެއް ކަންތައް ކަމަށް ދެކިވަޑައިގެން ރައީސް ޔާމީންގެ ވެރިކަމުގެ ބިން ހިއްކަވައިގެން ވެެސް ރައްޔިތުންނަށްޓަކައި ކޮށްދީފައިވާ ކަން ކަން ފެންނަންހުރި ކަަމަށެވެ.
"ޔަގީނުން ވެސް ރައީސް ޔާމީން ފްލެޓެއް މިތާކު ނެތް. އެމަނިކުފާނު ބޭނުންފުޅު ވަނީ ފްލެޓު އޭގެ ހައްގުވެރިންނަށް ލިބުން" ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް މިފަދައިން ވިދާޅުވިއިރު ކުރީގެ އިދިކޮޅު ފަރާތްތަކުން ވަނީ ހިޔާ މަޝްރޫއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. އެގޮތުން އެއީ އިންސާނުން ދިރިއުޅެން ކަމުދާ ތަނެއް ނޫން ކަމަށާއި އެތަންތަނަކީ ކޮތަރުކޮށިތަކެއްގެ ގޮތުގައި އެބޭފުޅުން ވަނީ ސިފަ ކުރައްވާފައެވެ.
ނަމަވެސް ކުރީގެ ސަރުކާރުން ފްލެޓް ލިބޭނެ ކަމަށް ކަނޑައެޅި ލިސްޓަށް ، ބޮޑު ބަދަލެއް ގެނެސް ، މި ސަރުކާރުން އިއުލާން ކުރެއްވިއިރު މި ސަރުކާރުގެ އަދި މި ސަރުކާރަށް ތާއީދު ކުރައްވާ ގިނަ ބަޔަކަށް ފްލެޓް ދެއްވާފައި ވެއެވެ. އޭގެ ތެރޭގައި ރައީސް ސޯލިހްގެ ކޮއްކޯފުޅު އައިޝަތު މުޙައްމަދު ސޯލިހާއި ދީނީ ޢިލްމުވެރިޔާ ޝައިޚް ޒައިދާއި އެމަނިކުފާނުގެ އަނބިކަނބަލުންގެ އިތުރުން ރައީސް ޔާމީނަށް ހުކުމް ކުރެއްވި ގާޟީ އަލީ ރަޝީދާއި އެމަނިކުފާނުގެ އާއިލީ ބޭފުޅުން ވެސް ހިމެނެއެވެ.