ދުނިޔެ

ގޭގައި ޤުރްއާން ކިޔަވައިދޭތީ ސައުދީގެ އަންހެން ދީނީ ޢިލްމުވެރިއަކު ހައްޔަރުކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ގޭގައި ކީރިތި ޤުރްއާން ކިޔަވައިދޭތީ އަންހެން ދީނީ ޢިލްމުވެރިއަކު ސައުދީ އަރަބިއާގައި ހައްޔަރު ކޮށްފިއެވެ.

Ads by Sosun Fihaara

ބޭރުގެ ރިޕޯޓުތަކުން ބުނާ ގޮތުގައި އައިޝާ އަލް މުހާޖިރީ ނަމަކަށް ކިޔާ އުމުރުން 65 އަހަރުގެ އެއަންހެން މީހާ ހައްޔަރުކުރީ، މައްކާގައި އޭނާ ދިރިއުޅޭ ގޭގައި ޤުރްއާން ކިޔަވައިދީ ދީނީ ދަރުސް ދެމުން ގެންދިޔުމާ ގުޅިގެންނެވެ.

ރިޕޯޓުތަކުން ބުނާ ގޮތުގައި އައިޝާ އާއެކު އިތުރު އެހެން ދެ އަންހެނަކު ވެސް ވަނީ ހައްޔަރު ކޮށްފައެވެ. އޭގެ ތެރެއިން އެކަކުގެ އުމުރުން މިހާރު 80 އަހަރު ވެފައިވާ ކަމަށް ވެސް ރިޕޯޓުތަކުން ބުނެފައި ވެއެވެ.

އައިޝާ ހައްޔަރު ކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގައި ކަމަށާއި، އޭނާ ހައްޔަރުކުރަން އެގެއަށް ސައުދީ އިންޓެލިޖެންސް ސާވިސްގެ 20 އޮފިސަރަކު ދިޔަކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.

"ޕްރިޒަނާސް އޮފް ކޮންސްޝަންސް" އޯގަނައިޒޭޝަނުން ބުނީ އައިޝާ ހައްޔަރު ކުރީތީ އޭނާގެ ފިރިހެން ދަރިން ވެސް ތިބީ ވަރަށް ކަންބޮޑުވެފައި ކަމަށާއި ނަމަވެސް އެމީހުންގެ މަންމައާ ބެހޭގޮތުން ސުވާލު ކުރުމުން ފުލުހުން ވަނީ އެމީހުން ވެސް ހައްޔަރު ކުރާނެ ކަމަށް ބުނެ ބިރުދައްކާފައި ކަމަށެވެ. އެގޮތުން އައިޝާއާ ބެހޭގޮތުން ސުވާލު ކުރާ ކޮންމެ މީހަކުވެސް ހައްޔަރު ކުރާނެ ކަމަށް ސައުދީ ފުލުހުން ބުނި ކަމަށް އެއޮގަނައިޒޭޝަނުން ބުނެފައި ވެއެވެ.

އައިޝާ އަލް މުޖާހިރީ ހައްޔަރު ކޮށް ބަންދު ކޮށްފައި ވަނީ ޖިއްދާގައި ހުންނަ ދަހްބާން ޖަލުގައެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!