ހަގީގީ ހާދިސާ ދީން

ހަޤީޤީ ހާދިސާ: މިޔުޒިކުގެ ސަބަބުން އަހަރެން ދީނާއި ދުރުވި، ޣާފިލުކަންމަތީ ހުއްޓާ ފުރާނަ ނުގެންދެވީތީ ޙަމްދުކުރަން!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިސްލާމްދީނުގައި މިޔުޒިކް ޙަރާމް ކަމަށް ބުނާ ބުނުން އަބަދުވެސް ވެފައިވަނީ މިހާރަކަށް އައިސް ބޮޑު ބަހުސަކަށް ދެވޭ މައުޟޫއަކަށެވެ. ފާހިޝް ލަވަ ކިޔުމާއި މިޔުޒިކު ކުޅުމަކީ ޙަރާމް ކަމަށް ބުނުމުން އެކަން ޤަބޫލު ނުކުރާ އެތައް ބަޔަކުވެސް އަހަރެމެންގެ ތެރޭގައި އުޅެއެވެ.

Ads by Sosun Fihaara

މިއުޅެނީ އެމައުޟޫއަށް ދާކަށް ނޫނެވެ. ނަމަވެސް މިއީ މިޔުޒިކަށް ގޮސް ހުސްވި ދިވެހި ޒުވާން ފިރިހެނެއްގެ ވާހަކައެވެ. ނަންހާމަ ނުކުރުމަށް އެދި އޭނާ މިވާހަކަތަށް "ދެން" އާއި ހިއްސާކުރީ އެހެން މީހުންނަށް ވެސް އިބުރަތެއް ހާސިލު ކޮށްދިނުމުގެ މަޤްސަދުގައެވެ.

"އަހަރެންގެ އުމުރުން މިހާރު 25 އަހަރެވެ. ހަގީގަތަށް ބުނަންޏާ އަހަންނަކީ އެންމެ ޅަ އުމުރުން ފެށިގެން ވެސް މިޔުޒިކަށް ފޯރިހުރި މީހެއް ނޫނެވެ. އެއިރު އަހަންނަކީ ބައްޕައާއެކު ބަރާބަރަށް ނަމާދު ކޮށްގެން، ޤުރްއާން ކިޔަވައިގެން އުޅުނު ބަސްއަހާ ކުއްޖެކެވެ. ކާޓޫނު ބެލުމާއި ލަވަ އަޑުއެހުމަކީ އަހަރެން އެއިރު ޝައުގުވެރިކަން ބެހެއްޓި ކަންކަމެއް ނޫނެވެ. ގޭގައި އެއިރު ޓީވީވެސް އެވަރަށް ނުބަލާތީ، އެކަންކަމަށް އެހާ ޝައުޤުވެރިކަމެއް ނުބަހައްޓަމެވެ.

ނަމަވެސް އަހަރެން ޣާފިލުކަމަށް ވެއްޓުނީ އުމުރުން 15 އަހަރުގައި އަހަންނަށް ސްމާޓްފޯނެއް ލިބުނު ފަހުން، އޭގެން މިޔުޒިކީ ލަވަތައް އަޑުއިވި ފެންނަން ފެށިފަހުންނެވެ. އޭރުން ފެށިގެން އަހަންނަށް އެއްވެސް ކަމެއް ލަވަޔާއި މިޔުޒިކާއި ނުލާ ނުކުރެވެއެވެ. ފިހާރައަކަށް ދިޔަޔަސް ދެވެނީ ހެޑްސެޓު ޖަހައިގެން ލަވައެއް އަޑުއަހަމުންނެވެ. ފާޚާނާ ތެރޭގައި ފެންވަރަން ވެސް ހުންނަނީ ލަވަ ޖަހައިގެންނެވެ. ކާއިރު އެކިކަހަލަ ވީޑިއޯތެއް ބެލުމުގެ އިތުރުން ނިދެނީ ވެސް ލަވަ އަޑު އަހަމުންނެވެ. މިޔުޒިކު ވެގެން ދިޔައީ އެއާނުލާ އަހަންނަށް އުޅެން ވެސް އުނދަގޫވީ އެއްޗަކަށެވެ.

ސްކޫލް ނިމިގެން އަހަރެން އެންމެ ބޭނުންވީ ވެސް މިޔުޒިކީ ދާއިރާއަށް ވަންނާށެވެ. ރާއްޖޭގެ މަޝްހޫރު ބައެއް ފަންނާނުން ފަދައިން 'ގިގް' ތަކަށް ރިސޯޓުތަކަށް ދިޔުމާއި، ބޭންޑަކާ ގުޅި ޝޯތައް ބާއްވަން ވެސް ވިސްނީމެވެ. އަދި އަހަރެންގެ އަމިއްލަ އަލްބަމެއް ނެރުމުގެ ހުވަފެން ވެސް ދުށީމެވެ. އެގޮތުން އަހަރެންގެ އެދަތުރު ފެށީ އުމުރުން 20 އަހަރުގައެވެ. އެކުވެރިން ހިމެނޭ ކުޑަ މިޔުޒިކް ބޭންޑަކާ ގުޅި މާލޭއާއި ކައިރި ރަށްތަކުގެ ބައެއް ގޭގެއަށް ހިތާނީ ޝޯތައް ބާއްވަން ދިޔައީމެވެ. އަހަރެންކީ ލަވަތައް އަޑުއެހުންތެރިންނަށް ވަރަށް ކަމުދިޔައެވެ. އެކަމާ އެއިރު ވަރަށް އުފާވިއެވެ.

މަޑުމަޑުން އަހަރެން ދެކެމުންދިޔަ ހުވަފެންތަކުގައި ކުލަޖެހެމުން ދާން ފެށިއެވެ. މަދުން ނަމަވެސް ރިސޯޓުތަކުން ވެސް ފުރުސަތު ލިބެމުން ދިޔައެވެ. އަދި 'ބޯކޮށް' ފައިސާ ލިބެން ފެށިއެވެ. ނަމަވެސް ލިބެމުންދިޔަ ކާމިޔާބީތަކާއިމެދު އަހަންނަށް އެހާބޮޑު ހިތްހަމަ ޖެހުމެއް ނުލިބެއެވެ. މާޔޫސްކަން އަހަރެންގެ ހިތަށް ވެރިވާން ފަށައި، މަސައްކަތަށް ފޫހިވެސް ވާން ފެށިއެވެ. އެކަމާ އަހަރެން ވެސް ވަރަށް ހައިރާންވިއެވެ.

އަހަރެން ނިންމީ އެކަމަށް ހައްލެއް ހޯދަން އެންމެ ފުރަތަމަ ސިއްޙީ އެހީތެރިކަން ހޯދާށެވެ. އެގޮތުން ސައިކޭޓްރިސްޓަކާ ބައްދަލުކޮށް އަހަރެން މާޔޫސްވާ ކަމަށް ބުނީމެވެ. އެއް ގަޑިއިރު ވަންދެން އަހަންނާ ވާހަކަ ދެއްކިއިރުވެސް، ވެގެން އުޅޭ ގޮތެއް އޭނާއަކަށް ނުހޯދުނެވެ. އެހެންކަމުން ބޭސްތަކެއް ލިޔެފައި ދިނެވެ. އެބޭސްތައް ކައިގެން ނިދިއައުން ނޫން އިތުރުކަމެއް ނުވާތީ އަހަރެން އެކެއުން ހުއްޓާލީމެވެ.

ދެން ރައްޓެއްސަކު ބުނީ، ފަހަރެއްގައި މީހަކު އަހަންނަށް ފަންޑިތައެއް ހެދީ ކަމަށް ނުވަތަ އެސްފިނާއެއް ޖެހުނީ ކަމަށް، ނުވަތަ ރޫހާނީ ކޮންމެވެސް ކަމެއް އަހަންނަށް ވަނީ ކަމަށް ވެދާނެ ކަމަށެވެ. އެހެންކަމުން ފަންޑިތަ ހަދާ މީހެއް ކައިރިއަށްދާން އޭނާ ލަފާ ދިނެވެ. އެއިރު އަހަންނަށް ލިބިފައިވި ކުޑަ ދީނީ ޢިލްމަކުން ވެސް، ޝިރްކުގެ އެފަދަ ޢަމަލެއް ކުރަން ދެކޮޅުހެދުމުގެ ވިސްނުން އަހަންނަށް ލިބުނީތީ އެކަމާ ޙަމްދު ކުރަމެވެ. ޝިރުކުގެ ފަންޑިތަ ހެދުމަކީ ބޮޑުވެގެންވާ ފާފައެއް ކަމަށާއި އެފަދަ ކަމެއް ދުވަހަކުވެސް ނުކުރާނަން ކަމަށް އެކުވެރިޔާ ގާތު އަހަރެން ބުނީމެވެ.

އަހަންނަށް އަމިއްލަ ނަފްސާއި އުޅެވެން ފެށި ގޮތާމެދު ވިސްނާލަން ފެށުނީ އެހާދިސާއިންނެވެ. އެންމެ ފަހުން އަހަރެން ނަމާދެއް ކުރީ ކުޑަ ކުއްޖެއްގެ ގޮތުގައި ހުއްޓާކަން ހަނދާންވާން ފެށިއެވެ. އެއިރު ޤުރްއާން ކުލާހަށް ވެސް ގޮސް، އަޅުކަން ކުރުމަށް އަހަރެންގެ ހިތުގައި ހުރި ލޯބި ވެސް ހަނދުމަވާން ފެށިއެވެ. އަދި ބޭއިޚްތިޔާރުގައި އަހަރެންގެ ދެ ލޮލުން ކަރުނަ އަންނަން ފެށިއެވެ. ދީނީ އަޅުކަންތަކާ އަހަރެން ދުރުވިވަރު ހިތަށް އަރާފައި ލަދުވެތިވިއެވެ.

އަހަރެން އެންމެ ސިކުންތެއް ވެސް ދެން އިސްރާފެއް ނުކުރަމެވެ. ނަމާދަށް ގޮސް، އެކަލާނގެ ޙަޟްރަތަށް ތަޢުބާ ވެސް ވީމެވެ. އަދި އަހަންނަށް އައި ބޮޑު ބަދަލާ މެދު ފުންކޮށް ވިސްނާލީމެވެ. ޙަގީގަތުގައި ވެސް މިޔުޒިކު ވެގެން ދިޔައީ އިސްލާމްދީނާ އަހަރެން ދުރުކުރުވި އެއްޗަކަށެވެ. އެޣާފިލުކަންމަތީގައި މާތް ﷲ އަހަރެންގެ ފުރާނަ ނުގެންދެވި ކަމަށްޓަކައި އެދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް އަހަރެން އެކަލާނގެ ޙަޟްރަތަށް ޙަމްދު ކުރަމެވެ.

މިއަދު އަހަންނަކީ އެކަންކަމުން ދުރުހެލިވެފައިވާ މީހަކީމެވެ. އަދި اللهގެ ރަޙުމަތުން ބަރާބަރަށް ނަމާދުކޮށް ދީނީ އަޅުކަން އަދާކުރާ މީހަކީމެވެ. އަނެއްކާ ވެސް ނަމާދު ކުރަން ފެށުމުން، ދިރިއުޅުމުގައި މިހާރު ކޮންމެ ކަމެއް ކުރިމަތިވީ ނަމަވެސް، އަހަރެންގެ ހިތަށް އެވަރުގެ މާޔޫސްކަމެއް މެދުވެރިއެއް ނުވެއެވެ."

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!