ރައީސް ޔާމީންގެ ވަކީލުކަމުން ޑރ.ޖަމީލު ދުރުކުރާކަށް ނުބުނަން: ޝުޖާޢު
ކުރީގެ ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި އިސްކޮށް އުޅުއްވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަކީލު ކަމުން ދުރުކުރަން ނުބުނާކަމަށް ޕީއެންސީގެ ނައިބު ލީޑަރ އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވެފައި ވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. ޝުޖާޢު ވިދާޅުވީ، ޕީޕީއެމްގެ ސަފުތަކުގައި ބަދަހިކަން ފެންނަމުން ދިޔުމުން އެކަމާ ޖެހިލުންވެ އެކަން ރޫޅާލަން ކުރާ މަސައްކަތަށް ޖާގަ ނުދޭނެ ކަމަށެވެ.
ޝުޖާޢު މިހެން ވިދާޅުވެފައި ވަނީ އޮންލައިން ނޫހެއް ކަމަށްވާ “އައްޑޫ ލައިވް”އިން ޑރ. ޖަމީލް ޔާމީންގެ ވަކީލުންގެ ޓީމުން ބޭރުކުރުމަށް ޝުޖާޢު ވިދާޅުވިކަމަށް ރިޕޯޓް ކުރުމާ ގުޅިގެންނެވެ.
“ ޕީޕީއެމް ސަފުތަކުގައި ބަދަހިކަން ފެނި ޖެހިލުންވެ ރޫޅާލަން ކުރައްވާ މަސައްކަތްތަކަށް ޖާގަ ނުދޭނަން. މީ ކަނޑައެޅިގެން ދޮގެއް. ރައީސް ޔާމީން ގެ ލީގަލް ޓީމަށް ލީޑަރޝިޕްގެ އިތުބާރު އެބަ އޮތް. 2023 ގައި ރައީސް ޔާމީން ވެރިކަމަށް ގެންނާނަން އިންޝާ ﷲ “ ޝުޖާޢު ވިދާޅުވިއެވެ.
ޔާމީނަކީ ވެރިކަމުގައި ހުންނަވައިގެން ގާނޫނު އަސާސީއާ އެއްގޮތަށް ވެރިކަން ކުރައްވައި، އަދި ގާނޫނާ ޚިލާފް ކަންކަން ހުއްޓުވަން ފިޔަވަޅު އެޅުއްވުމުގެ އިތުރުން އިގްތިސާދީ ފުދުންތެރިކަން ގެނެސްދެއްވި ބޭފުޅެއް ކަމަށް މީގެ ކުރިން ޖަމީލް ވަނީ ވިދާޅުވެފައެވެ.